ކުޅިވަރު

ބާސާ ކަޓާ، ޔުވެންޓަސް ޗެމްޕިއަންސްލީގު ސެމީއަށް


ޔުއެފްއާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު މެޗު ސުމެއް ސުމަކުން އެއްވަރުކޮށް، 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސެލޯނާ ބަލިކޮށް، މުބާރާތުގެ ކުއާޓަރ ފައިނަލުން ޔުވެންޓަސް ޖާގަހޯދައިފިއެވެ.

ޔުވެންޓަސް ވެފަވަނީ ކޭމްޕްނޫގައި އެންމެ ފަހުން ކުޅުނު އެކާވީސް ޗެމްޕިއަންސް ލީގު މެޗުގައި ބާސެލޯނާ ގޯލެއް ޖެހިޔަނުދީ ހިފަހައްޓާލި ފުރަތަމަ ޓީމަށެވެ. ދެ ލެގުގެ ކުޅުން ނިމުނު އިރު ބާސެލޯނާއަށް ޔުވެންޓަސް ކޮޅަށް ގޯލެއް ޖެހިފައި ނުވުމުން އެޓީމްގެ ކޯޗު ވަނީ މިކަން ފާހަގަކޮށް ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފްކޮށްފައެވެ.

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ ބާސެލޯނާ ދަނޑުގައި ކުޅޭ މެޗުތައް ވަރަށް އުނދަގޫ ވާނެ ކަމަށާއި ރޭގެ މެޗުގެ ކުރީކޮޅު ޔުވެންޓަސްއަށް ރަނގަޅު ދެތިން ހަމަލާއެއްވެސް އުފެއްދުނު ކަމަށެވެ. އެހެންނަމަވެސް ބާސެލޯނާ ކުޅެން ފެށުމުން މެޗު އެނބުރުނަނުދީ ހިފަހައްޓާލެވުނީ ނަފްސާނީގޮތުން ކުޅުންތެރިން ވަރުގަދަ ވުމުން ކަމަށް ކޯޗު ބުންޏެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ މެޗަށް ފަހު ބުނީ ޔުވެންޓަސް އަތުން ބަލިވެ މުބާރާތުން ކެޓީ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގެ ފުރަތަމަ ހާފްގައި ބާސެލޯނާ ޓީމަށް ނުކުޅެވުމުން ކަމަށެވެ. މިސީޒަން ނިމުމުން ބާސެލޯނާގެ ކޯޗު ކަމުގެ މަގާމުން އިސްތިއުފާ ދޭނެކަން އިއުލާންކޮށްފައިވާ އެންރީކޭ ބުނީ އޭނާ ކިތައްމެ ގިނަ ދުވަހެއް ވިޔަސް ޔުވެންޓަސް ދަނޑުގައި ބާސެލޯނާ ދެއްކި ދަށް ކުޅުން ހަނދާން ނައްތާލަން ދަތިވާނެ ކަމަށެވެ.

ރޭގެ މެޗުގައި ބާސެލޯނާ ވަނީ ނަވާރަ ޝޮޓް ހަދާފައެވެ. އެހެންމަވެސް ޔުވެންޓަސްގެ ގޯލް ކީޕަރު ޖިއަންލުއިޖީ ބުފޮންއަށް މެޗުގައި ކުރަން ޖެހުނީ އެންމެ ސޭވެކެވެ.

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޔުވެންޓަސް ޖާގަ ހޯދި އިރު އެޓީމް މިމުބާރާތުގައި މިހާތަނަށް ކުޅުނު ދިހަ މެޗުގައި ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ. އަދި މީގެ ތެރެއިން އަށް މެޗު ނިންމާލާފައިވަނީ ބައިކޮޅަށް ގޯލެއް ވަނަނުދީއެވެ.



ޗެމްޕިއަންސްލީގު ސެމީފައިނަލުން ޖާގަ ހޯދި ޓީމްތަކަކީ:

ރިއަލްމެޑްރިޑް

ޔުވެންޓަސް

މޮނާކޯ

އެތްލެޓިކޯމެޑްރިޑް