ތަރައްްޤީ

އިތުރު 5 އެއަރޕޯޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި- ޒަމީރު


ޓޫރިޒަމް ސިނާޢަތް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު 5 އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދިވެހި ސަފީރުންގެ އަހަރީ މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ސިނާއަތަކީ ޓޫރިޒަމްގެ ސިނާއަތާ ގުޅި ލާމެހިފައިވާ ސިނާއަތަކަށްވުމުން، އެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. މިހާރު ތަރައްޤީކުރަމުންދާ އެއަރޕޯޓްތަކުގެ އިތުރުން އިތުރު ފަސް އެއަރޕޯޓެއް އެޅުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14926129136542.jpg|މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު / ފޮޓޯ: ރައީސް އޮފީސް

5 އެއަރޕޯޓެއް ތަރައްޤީކުރެއްވުމަށް ފަންސާސް ހަތެއް ޕޮއިންޓް ފަހެއް މިލިއަން ޑޮލަރަށް ސަރުކާރުންވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. ޑޮމިސްޓިކް އެއަރޕޯޓްތައް ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ އިތުރުން، ބޭރުގެ އެކި އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ކުރައްވާ މަސައްކަތް ކާމިޔާބުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

ވެލާނާ އެއަރޕޯޓް ތަރައްޤީވެގެން ދިއުމަކީ ޓޫރިޒަމް ސިނާއަތަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެންނާނެ މަޝްރޫޢެއްކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.