ކުޅިވަރު

90 މިނެޓްވަންދެން އެޓޭކް ކުރަން ޑޯޓްމަންޑް ތައްޔާރު - ޓުޝެލް


ފްރާންސްގެ މޮނާކޯއާއި ދެކޮޅަށް ކުޅޭ މެޗުގެ 90 މިނެޓް ހަމަވަންދެން އެޓޭކް ކުރަން ބޮރޫޝިޔާ ޑޯޓްމަންޑް އޮތީ ތައްޔާރަށްކަމަށް ކޯޗް ތޯމަސް ޓުޝެލް ބުނެފިއެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް ދެވަނަ ލެގުގައި މޮނާކޯގެ ދަނޑުގައި ޑޯޓްމަންޑް ނިކުންނައިރު، ފުރަތަމަ ލެގް ތިނެއް ދޭކުން ކާމިޔާބުކޮށް ކުރީގައި އޮތީ މޮނާކޯއެވެ. 

މިރޭގެ މެޗާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ބޮރޫޝިޔާ ޑޯޓްމަންޑްގެ ކޯޗް ތޯމަސް ޓުޝެލް ބުނީ ފުރަތަމަ މެޗަށް ޓީމްގެ ހުރިހާ ކުޅުންތެރިން މެންޓަލީ ތައްޔާރު ނޫންކަމަށާއި، އެހެންނަމަވެސް މިހާރު ޓީމް އޮތީ ހުރިހާ ގޮތަކުން ތައްޔާރުވެފައިކަމަށެވެ. ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި ޑޯޓްމަންޑް ވާދަކުރަން ޖެހުނީ އެޓީމް ދަތުރުކުރަމުންދިޔަ ބަހަށްދިން ހަމާލާއަށް ސައުވީސް ގަޑިއިރު ނުވާނީހެވެ. 

ކޯޗް ޓުޝެލް ބުނީ އެކަން ކުޅުންތެރިންގެ ހިތުގައި އޮތް ނަމަވެސް އެކަމުގެ އަސަރު މި މެޗަށް ނުކުރާނެކަމަށެވެ. ޓީމްގެ އެޓޭކާއި މެދު އިތުބާރު އެބައޮތްކަމަށާއި، މެޗުގެ 90 މިނެޓާއި ހަމައަށް އެޓޭކް ކުރާނެކަމަށްވެސް ޓުޝެލް ފާހަގަކުރިއެވެ.

"މިދިޔަ މެޗުގައި ޓީމްގެ ހާލަތު އެހާ ރަނގަޅެއް ނޫން، މި މެޗަށް ނިކުންނައިރު ހުރިހާކަމެއްވެސް ރަނގަޅުވެފައި ހުރީ" ޓުޝެލް ބުންޏެވެ.

މިރޭ މެޗަށް ނިކުންނައިރު މޮނާކޯގެ ކޯޗް ލިއެނާޑޯ ޔާޑިމް ބުނީ ޓީމްގެ އަޒުމަކީ 2004ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދުންކަމަށެވެ. މިރޭގެ މެޗް ފަސޭހަ ނުވާނެކަމަށާއި، ޑިފެންސަށް ސަމާލުކަން ދޭނެކަމަށްވެސް އޭނާ ބުންޏެވެ. 

"2004ގެ ފަހުން ސެމީން ފުރަތަމަ ފަހަރަށް ޖާގަ ހޯދަން ޓީމް އޮތީ ތައްޔާރަށް" ޔާޑިމް ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް ދެވަނަ ލެގުގައި މޮނާކޯ އަދި ބޮރޫޝީޔާ ޑޯޓްމަންޑް ވާދަކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ 11:45ގައެވެ.