ކުޅިވަރު

ޔުވެންޓާސް ބަލިކޮށް ސެމީފައިނަލަށް ބާސެލޯނާ ދާނެ - އެންރީކޭ


އެންމެން ހައިރާންކޮށްލުމަށްފަހު މިރޭ ބާސެލޯނާ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ކޯޗް ލުއިސް އެންރީކޭ ބުނެފިއެވެ. 

ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލް ދެވަނަ ލެގުގައި މިރޭ ޔުވެންޓާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބާސެލޯނާ ކޯޗް ލުއިސް އެންރީކޭ ބުނީ ފުރަތަމަ ލެގުގައި ތިނެއް ސުމަކުން ބަލިވި ނަމަވެސް މިރޭ ފެންނާނީ ތަފާތު މެޗެއް ކަމަށާއި އަމިއްލަ ދަނޑުގައި ބާސެލޯނާ ކޮންމެފަދަ ނަތީޖާއެއްވެސް ނެރެފާނެ ކަމަށެވެ. އަދި އުއްމީދަކީ މިރޭ ފަސްލަނޑު ޖެހުން ކަމަށްވެސް ކޯޗް އެންރީކޭ ބުންޏެވެ. 

"މެޗުގެ ކުރީކޮޅު މިރޭވެސް ލަނޑެއް ފެންނަންވީ. އޭރުން ކައިރި ކައިރީގައި އިތުރު ލަނޑުތައް ފެންނާނެ" އެންރީކޭ ބުންޏެވެ. 

ބާސެލޯނާ ކުއާޓަރ ފައިނަލުން ޖާގަ ހޯދީވެސް އާދަޔާ ޙިލާފް ނަތީޖާއަކަށްފަހުއެވެ. ފްރާންސްގެ ޕީއެސްޖީއާ ވާދަކުރި މެޗުގެ ފުރަތަމަ ލެގުން ހަތަރު ލަނޑު ސުންލަނޑުން ބަލިވިއިރު ދެވަނަ ލެގު ބާސެލޯނާ އަމިއްލަ ދަނޑުގައި ކާމިޔާބުކުރީ ހަލަނޑު އެއްލަނޑުންނެވެ. ބާސެލޯނާގެ ކޯޗް އެންރީކޭ ބުނީ ޕީއެސްޖީ މެޗުގައި ބާސެލޯނާ ދެއްކި ކަހަލަ ކުޅުމެއް މިރޭވެސް ތަކުރާރު ކުރެވޭނެ ކަމަށާއި، މިރެއަކީ ބާސެލޯނާ އަލުން ފެންވަރު ދައްކުވާލާނެ ރެއެއް ކަމަށެވެ. 

ބާސެލޯނާ އަދި ޔުވެންޓާސް ވާދަކުރާ މެޗު ފަށާނީ މިރޭ އެގާރަ ގަޑި ސާޅިސް ފަހެއްގައެވެ.