ދުނިޔެ

އިސްރާއީލުގެ އަނިޔާވެރިކަން ތަޙައްމުލު ކުރި އަންހެނެއްގެ ވާހަކަ!


މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 29 ވަނަ ދުވަހު ފަލަސްޠީނުގެ ޒުވާން ދެ އަންހެން ކުދިންކަމަށްވާ ނަތާލީ އާއި އޭނާގެ ރަހުމަތްތެރި ތަސްނީމް، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ މިލިޓަރީ ޗެކް ޕޮއިންޓެއް ކައިރިން ހިނގާފައި ދަނިކޮށް ކުއްލިއަކަށް އިސްރާއީލު ސިފައިންގެ ބަޔަކު އެމީހުން ވަށާލިއެވެ. އަދި އެއަށްފަހު އިސްރާއީލުގެ ސިފައިން އެ ދެ ކުދިންނަށް އަނިޔާކުރަން ފެށިއެވެ. 

އެކުދިންގެ ރުއިމުގެ އަޑު އަހާނެ މީހަކު ނެތް އިރު، ވަކި ހިސާބަކުން ނަތާލީގެ ކޮނޑަށް އެތަނުގައި ހުރި ސިފައިންގެ މީހަކު ބަޑިވެސް ޖެހިއެވެ. އެއަށްފަހު ނަތާލީ ގުދުސްގައި ހުރި އިސްރާއީލުގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާކުރިއެވެ. ތިން ދުވަހު ކޯމާއެއްގައި އޮތުމަށްފަހު ކޮނޑުގައި އިން ވަޒަން ނެގުމަށް ސާޖަރީއެއްވެސް ހެދިއެވެ. ސާޖަރީ ހެދުމަށްފަހު ނަތާލީއަށް ހޭވެރިކަން އައީ، އިސްރާއީލުގެ ތަހްޤީޤްކުރާ އޮފިސަރެއްގެ ހަޅޭކުގެ އަޑަށެވެ.

"އިސްރާއިލު ސިފައިންގެ މީހާ ވަރަށް ބާރަށް އަހަރެން ބާއްވާފައި އޮތް ކޮޓަރިއަށް ވަދެ، މޭޒު މަތީގައި ތަޅަމުން ހަޅޭ ލަވަން ފެށި. އަހަރެން ބޭނުންވީ އަރާމުކޮށްލަން. އަހަންނަށް ރަނގަޅަށް ވާހަކަވެސް ނުދެއްކޭ. އެކަމަކު އެންމެ އިރުކޮޅަކަށްވެސް އޭނަ ސުވާލުކުރުން ހުއްޓައެއް ނުލާ" ބަލި އެނދުގައި އޮތް އިރު އޭނާއަށް ކުރިމަތިވި ހާދިސާ ކިޔައިދެމުން ނަތާލީ ބުންޏެވެ. 

ނަތާލީ ބުނި ގޮތުގައި އޭނާ ހައްޔަރުކުރި ސަބަބެއް، އޭނާއަށް އަނިޔާ ކުރި ސަބަބެއް، އަދި އޭނާ ކުރި ކުށެއް ނޭނގެއެވެ.

img:http://s1.psmnews.mv/images/660x400/14926096908473.jpg|އިސްރާއީލުން ފަލަސްޠީނުގެ އަންހެނަކު ހައްޔަރުކޮށްގެން ގެންދަނީ / އިސްރާއީލުގެ ޖަލުގައި ގިނަ އަދަދެއްގެ އަންހެނުންވެސް ދަނީ ހުކުމް ތަންފީޒުކުރަމުން

ހޮސްޕިޓަލުގައި އޮތް އިރު ޢާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތެއް ނަތާލީއަކަށް ނޯވެއެވެ. އޭނަ މަންމަ ކުރި އެތަކެއް މަސައްކަތުން، ޚާއްސަ ހުއްދައެއްގެ ދަށުން ނަތާލީއާ ބައްދަލުކުރެވުނެވެ.

"މަންމައާ ބައްދަލުވުމުން ލިބިފައިވާ އަނިޔާތަކަށް ފަސޭޙަތަކެއް ލިބިގެންދިޔަހެން ހީވި. ހިތްވަރު ލިބުނު.. އަދި ހިތްހަމަޖެހުމުގެ ކުޑަ މިންވަރެއް ނަމަވެސް އިހްސާސްވި" މަންމަ ފެނުމުން ކުރެވުނު އިހްސާސްތައް ކިޔައިދެމުން ނަތާލީ ބުންޏެވެ. 

ނަތާލީ ބުނިގޮތުގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުން އަރައިގަތުމަށް އެކަށީގެންވާ ވަގުތު ނުދީ އިސްރާއީލުގެ ޖަލަކަށް އޭނާ ބަދަލުކުރިއެވެ. ޖަލަށް ގެންދިޔައީ ގޮޅިތަކެއް ހަދާފައި ހުރި އަނދިރި ވެހިކަލެއްގެ ތެރޭގައެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށަކީ އިސްރާއީލު ސިފައިންނަށް ވަޅިން ހަމަލާދޭން ރޭވުމެވެ. އަދަބެއްގެ ގޮތުން ނަތާލީ އެއް އަހަރާއި ހަ މަހަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.

img:http://s1.psmnews.mv/images/660x400/14926093919170.jpg|ނަތާލީ / އޭނާއަށް ޢާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތުވެސް އިސްރާއީލުން ދީފައެއް ނުވޭ

އޭނާ ޖަލުގައި ހޭދަކުރި މުއްދަތުގައި ޢާއިލާގެ އެއްވެސް މެމްބަރަކާއި ބައްދަލުކުރުމުގެ ފުރުޞަތެއް ނުދެއެވެ. ހުކުމުގައި ބާކީ ހައެއްކަ މަސް އޮތްވާ ނަތާލީ ޖަލުން މިނިވަން ކުރީ އޭނާގެ ޢާއިލާއިން ދެހާސް ޑޮލަރުގެ ކަފާލާތެއް ދެއްކުމަށްފަހުއެވެ.

މިއީ އިސްރާއީލުގެ ޖަލުގައި އަނިޔާވެރިކަން ތަހައްމުލުކުރި އެތައް ހާސް ބައެއްގެ ތެރެއިން އެކަކުގެ ވާހަކައެވެ. އޭޕްރީލްމަހުގެ 17 ވަނަ ދުވަހު ފަލަސްޠީނުގެ ޤައިދީންގެ ދުވަސް ފާހަގަކުރިއިރު، މިފަދަ އެތަކެއް ހިތްދަތި ވާހަކަތަކެއް އިސްރާއީލުގެ ޖަލުތަކުން ސަލާމަތްވާ މީހުން ދިޔައީ ކިޔައިދެމުންނެވެ. އެމީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ކުރި އަނިޔާތަކުގެ ވާހަކައެވެ. ހެދުމެއް ނުލައްވާ ފިނިގަދަ އޭސީތަކުގެ ކުރިމަތީގައި ބޭންދުމާއި، ހަރުގަނޑުތަކުގައި އެލުވުމާއި، އާއިލާގެ މީހުން މަރުވެއްޖެކަމަށް ބުނެ ނަފްސާނީ ގޮތުން ބިރުދެއްކުމަކީ އިސްރާއީލުގެ ޖަލުތަކުގައި ޢާއްމުކަމެކެވެ.

އިސްރާއީލުގެ ޖަލުތަކުގައި މިހާރުވެސް ސިޔާސީ ކުށްވެރިންގެ ގޮތުގައި 6500 އަށްވުރެ ގިނަ ޕަލަސްޠީނުގެ ރައްޔިތުން އެބަތިއްބެވެ. މީގެ ތެރޭގައި 300 ކުޑަކުދިންނާއި 53 އަންހެނުން ހިމެނޭކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/14926095338741.jpg|ފަލަސްޠީނުގެ ކުޑަކުއްޖަކު ގާ އުކަނީ / ގިނަ އަދަދެއްގެ ކުޑަކުދިން ދަނީ އިސްރާއީލުގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން

އިސްރާއީލުން ހައްޔަރުކުރާ މީހުންގެ ޝަރީޢަތްތައް ހިންގަނީ ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އިސްރާއީލުގެ މިލިޓަރީ ކޯޓުތަކުގައެވެ. މިގޮތަށް ހިންގާ ޝަރީޢަތްތަކުގެ ނުވަދިހަ ހަތެއް އިންސައްތަ މައްސަލާގައި ފަލަސްތީނު މީހާގެ މައްޗަށް ކުށް ސާބިތުވެއެވެ. މީގެ އިތުރުން އިސްރާއީލުގެ ޖާސޫސީ ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް، ޝަރީއަތަކާއި ނުލާވެސް ގިނަ އަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން ޖަލުގައި ހައްޔަރުކޮށްފައި އެބަތިއްބެވެ.

ސާދަ އަހަރުން ދަށުގެ ކުދިންވެސް ޖަލަށް ހުކުމް ކުރެވޭ ގޮތަށް އިސްރާއީލުގެ ޤާނޫނު ބަދަލުކޮށްފައިވާއިރު، މިދިޔަ މާޗުމަހު 509 މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި 75 ކުޑަކުދިން ހިމެނެއެވެ. ކުޑަކުދިން މައިގަނޑު ގޮތެއްގައި ހައްޔަރުކުރަނީ ގާ އުކައިގެނެވެ. ނަމަވެސް ބައެއް ކުދިންނަށް ދިހަ އަހަރުގެ ޖަލު ޙުކުމް އައިސްފައި އެބަހުއްޓެވެ. އިސްރާއީލުގެ ޖަލުގައި މިހާރުވެސް ގާ އުކައިގެން ޕަލަސްޠީނުގެ 12 އަހަރުގެ ކުޑަކުއްޖެއް ދަނީ ހުކުމް ތަންފީޒުކުރަމުންނެވެ. އަނެއްކޮޅުން 70 އަހަރަށްވުރެ ދުވަސްވީ މީހުންވެސް ދަނީ ޙުކުމް ތަންފީޒުކުރަމުންނެވެ. 

img:http://s3.psmnews.mv/images/660x400/14926094593146.jpg|އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންތަކެއް / އެމީހުންނަށް ދިފާއުވުމަށްވެސް ފުރުޞަތެއް ނުލިބޭ

ތަފާސް ހިސާބުތައް ދައްކާގޮތުން 1948 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ވަނީ ފަލަސްޠީނުގެ މިލިއަނެއްހާ މީހުން ހައްޔަރުކޮށްފައެވެ.