ޚަބަރު

ޙައްޖަށް ގެންދިއުމާބެހޭ އުޞޫލު ޢާންމުކުރައްވައިފި


ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ، ސަތޭކަ ޙާޖީންނަށް ޙައްޖުގެ ޚިދުމަތް ދިނުމަށް އެކުންފުންޏަކުން ހުށަހަޅާ އަގުގެ ތިނެއް އިންސައްތައިގެ، މަދުވެގެން ތިންމަސްދުވަހުގެ ބޭންކް ގެރެންޓީއެއް ހުށަހަޅާ ފަރާތްތަކަށް ކަމަށް ކަނޑައަޅައި، ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު ޢާންމުކުރައްވައިފިއެވެ.

މިއުޞޫލުގެ ބޭނުމަކީ، ރާއްޖެއިން ޙައްޖަށްދާ މީހުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތައް، ލުއި ފަސޭހަ ގޮތެއްގައި ލިބިދިނުމާއެކު، ޙައްޖަށްދާ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލު އެކުލާވާލާފައިވަނީ ޤައުމަތަކުން މީހުން ޙައްޖަށް ގެންދިއުމުގައި ޢަމަލުކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ޙައްޖާބެހޭ މިނިސްޓްރީން ނެރުއްވާފައިވާ އެންމެހާ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއުސޫލުގެ ބޭނުމަކީ، ޙައްޖަށްދާ މީހުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތައް، ލުއި ފަސޭހަގޮތެއްގައި ލިބިދިނުމާއި، ޙައްޖަށްދާ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ޙައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމެވެ.

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި މައިގަނޑު 23 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖެއިން މިއަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ޙުއްދަ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އިތުރުން އަމިއްލަ ފަސް ކުންފުޏަކަށް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ޢާންމުކުރެއްވި އުސޫލުގައި، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ޙުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ 100 އިންސައްތަ ޙާޖީންނަށް ޙައްޖުގެ ޚިދުމަތް ދިނުމަށް އެކުންފުންޏަކުން ހުށަހަޅާ އަގުގެ 3 އިންސައްތައިގެ ބޭންކް ގެރެންޓީއެއް، މަދުވެގެން ތިން މަސްދުވަހުގެ މުއްދަތަށް ހުށަހަޅާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއީ މުޅިން އަލަށް ހިމެނުއްވި ޝަރުތެއް ކަމަށާ، މިގޮތަށް ހިމެނުއްވީ، ވީހާވެސް ކުޑައަގަގެއްގައި ޢާންމުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްދީ، ޙައްޖަށް ގެންދާ ކުންފުނިތަކުގެ މާލީ ޤާބިލްކަން ހުރި މިންވަރު ދެނެގަތުން ކަމަށެވެ. އަދި އެކުންފުނިތައް ވާންޖެހޭނީ ސަރުކާރު މުވައްސަސާތަކަށް ދައްކަންޖެހޭ އެންމެހާ ޓެކްސް ބަރާބަރަށް ދައްކަމުންދާ ކުންފުންޏަކަށް ކަމަށާއި މީގެ ތެރޭގައި މުދަލު ޒަކާތްވެސް ހިމެނޭކަމަށްވެސް އިސްލާމިކް މިނިސްޓަރީން ވިދާޅުވެއެވެ. މީގެ އިތުރުން އެ ކުންފުންޏެއްގެ އެކައުންޓު ވާންޖެހޭނީ އިސްލާމީ ބޭންކިންގ ނިޒާމުގެ ތެރޭގައި ޤާއިމްކޮށްފައިވާ އެކައުންޓަކަށް ކަމަށްވެސް އެމިނިސްޓްރީން ބަޔާންކުރައްވާފައިވެއެވެ.

ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި، ޙައްޖަށް ދިއުމަށް އެދޭ ފަރާތްތަކަށް ޚިދުމަތްދޭ އޮފީހުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ކުންފުނީގެ ފަރާތުން ޙައްޖުވެރިންނަށް ފުރިހަމަކޮށްދޭންޖެހޭ ކަންތައްތަކާއި، ކޮށްގެން ނުވާނެ ކަންތައްތައް ބަޔާންކުރައްވާފައިވެއެވެ. މިއުސޫލުގައި ކޮށްގެންނުވާނެ ކަންތައްތަކުގެ ތެރޭގައި، ރާއްޖެއިން ޙައްޖަށް މީހުން ގެންދާ ކުންފުނިތަކާއި، އެކުންފުނިތަކުގެ ޙަވާލުގައި ޙައްޖަށްދާ މީހުން ސަޢުދީ އަރަބިއްޔާގެ ދާޚިލީ އަދި ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިވެގެން ނުވާނެކަން ބަޔާންކޮށްފައިވެއެވެ.

އަދި ހުއްދަދޭ ޢަދަދަށްވުރެ އިތުރަށް ޙައްޖަށް މީހުން ގެންގޮސްގެން ނުވާނެ ކަމަށާ، ރާއްޖެއަށް ލިބިފައިވާ ކޯޓާގެ ދަށުން މިނިސްޓްރީގެ ހުއްދަނެތި ބިދޭސީއަކު ޙައްޖަށް ގެންގޮސްގެން ނުވާނެ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރުގެ އޯގަސްޓަމަހުގެ ތެރޭގައި މީހުން ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.