ތަޢުލީމު

ޢިލްމީ ބަހުސްތަކާއި ދިރާސާތައް އިތުރުކުރަންޖެހޭ- އާޒިމާ


ޤައުމުގެ ތަރައްޤީގައި ރާއްޖޭގެ ތަޢުލީމީ ޒުވާނުން އަދާކުރާ ޙިއްޞާ އިތުރުކުރުމަށްޓަކައި ޢިލްމީ ބަހުސްތަކާއި ދިރާސާތައް އިތުރުކުރަންޖެހޭ ކަމަށާއި، ޤައުމީ މައްސަލަތައް ޙައްލުކުރުމަށްޓަކައި އޭގެ ކުންނަށް ވާޞިލުވާނެ ގޮތަކީ މިއީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އަދި ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވަނީ ދިވެހި ޤައުމު ކުރިއެރުވުމުގައި ތަޢުލީމީ ޒުވާނުންގެ ޙިއްޞާ އިތުރުކުރުމާ ގުޅޭގޮތުން ޢިބްރަތްތެރި ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

ދިވެހިޤައުމު މިއަދު ކުރިމަތިލަނީ ވަރަށް ބޮޑެތި މަސައްކަތްތަކަކާ ކަމަށާއި، ތަޢުލީމީ ޒުވާނުންނަށް އޮތް ސުވާލަކީ ޤައުމު ކުރިއަށްދާ ދިއުމުގައި ބައިވެރިވާނީތޯ ނުވަތަ ދުރުގައި ބަލަންތިބެގެން ފާޑުކިޔާނީތޯ ކުރެވޭ ސުވާލުކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ މީހަކު ބައިވެރިވިޔަސް ނުވިޔަސް ޤައުމު ކުރިއަށްދާނެ ކަމަށާއި، ޒުވާނުންނަށް މިއަދު އޮތް އަނެއް ސުވާލަކީ ޤައުމު ކުރިއަށްދާ ދިއުމުގައި ޒުވާނުންނަށް ލިބިފައިވާ ތަޢުލީމުގެ ބޭނުން ކުރާނީތޯ ނުވަތަ ޤައުމު ތަރައްޤީގެ މަގުގައި ކުރިއަށްދާ ދިއުމުގައި ފަޚުރުވެރިކަމާއެކު ބައިވެރިވާނީތޯ ކުރެވޭ ސުވާލުކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ ކާމިޔާބީއަކީ ޤައުމަށް ދިމާވާ އެންމެ އުނދަގޫ ޙާލަތުގައި، އެންމެ ގިނަ ގޮންޖެހުންތަކުގެ ތެރޭގައި، ކާމިޔާބީ ޙާސިލްކުރުންކަމަށެވެ.

img:http://s1.psmnews.mv/images/660x400/14925031089445.jpg|އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޔޫ

ތައުލީމީ ޒުވާނުން ޤައުމީ ތަރައްޤީގައި އަދާކުރާ ދައުރު އިތުރުކޮށް، ޤައުމުގައި ހުރި މައްސަލަތައް އެންމެ ފުރިހަމައަށް ދެނެގަތުމަށްޓަކައި، ޢިލްމީ ބަހުސްތަކާއި، ބޮޑެތި ޢިލްމީ ދިރާސާތައް ކުރެވެންޖެހޭކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ޤައުމުގައި ހިންގާ ކަންކަމުގައި ކަންމަތީގައި ތިބެ ވާހަކަދައްކައި ފާޑުކިޔަން ފަސޭހަވާނެކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް އެންމެ އެކަށީގެންވާ ގޮތުގައި ދެނެގަތުމަށްޓަކައި، ތަޢުލީމީ ޒުވާނުންގެ ފިކުރު މިކަމުގައި އިސްކުރަންޖެހޭކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. ޢިލްމީ ބަހުސްތަކާއި ދިރާސާތަކުގައި އެންމެ އިސްދައުރެއް އަދާކުރެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށްކަމަށްވެސް އާޒިމާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ދިވެހިރާއްޖެ މިއަދު މިހާހިސާބަށް އައިސްފަވަނީ މަތީ ތަޢުލީމު ޙާޞިލްކޮށްފައިތިބި މާގިނަ ބަޔަކު ތިބެގެންނޫންކަމަށާއި، އެހެންނަމަވެސް ދިވެހިރާއްޖެ މިއަދު މިދެކޭ ހިސާބަށް އައިސްފައިވާ ގޮތާ މެދު ފަޚުރުވެރިވުން ޙައްޤުކަމަށް އާޒިމާ ވިދާޅުވިއެވެ.

މަތީތަޢުލީމު ޙާޞިލްކޮށްގެންތިބި ޒުވާނުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ފަސް އެނބުރި ބަލައި، އިތުރު ގޮތެއް ނެތްކަމަށް ނިންމައިގެން ނުވާނެކަމަށެވެ. އަދި ތިމާއަށް ލިބޭ ކާމިޔާބީގެ ފޮނިމީރުކަން އެންމެ ބޮޑަށް އިޙްސާސް ކުރެވޭނީ އުނދަގޫ ޙާލަތެއްގައި ބުރަ މަސައްކަތުން ކާމިޔާބީ ޙާސިލްކުރުމުންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.