ދުނިޔެ

އެމެރިކާގެ ސަބަބުން ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެ- ކޮރެޔާ


އެމެރިކާގެ އަމަލުތަކުގެ ސަބަބުން ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު އުތުރު ކޮރެޔާއިން ދީފިއެވެ. 

އުތުރު ކޮރެޔާއިން އދ އަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް ކިމް އިން ޔޮންގް ވިދާޅުވީ، ބޮޑެތި މައްސަލަތަކުގައި އެމެރިކާއިން އަމަލުކުރަމުންދާ ގޮތުން ކޮރެޔާ ހިމެނޭ ސަރަޙައްދުގައި ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެކަމަށެވެ. އަދި މިިކަމުގެ ސަބަބުން ދުނިޔޭގެ ސުލްޙައާއި ހަމަޖެހުމަށް ބޮޑު ނުރައްކަލެއް އެބައޮތްކަމަށް، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދގެ މައި އިދާރާގައި ހުންނަވާ ދެއްވި ޕްރެސް ކޮންފަރެންސްގައި ކިމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14925022118503.jpg|ކިމް އިން ޔޮންގ، އުތުރު ކޮރެޔާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް / އެމެރިކާގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް ނުރައްކާވެފައިވާކަމަށް ވިދާޅުވި  

"އެމެރިކާއިން ދަނީ ދުނިޔޭގެ ސުލްޙައާއި ހަމަޖެހުމަށް ހުރަސް އަޅަމުން. އެމީހުން ވިސްނަނީ ގޭންގެއްގެ ވިސްނުމުން.. މިނިވަން ޤައުމުތަކަށް އަރައިގަތުން އެއީ އެމީހުންނަށް މައްސަލައެއް ނޫން" ކިމް އިން ޔޮންގް ވިދާޅުވިއެވެ.

އުތުރު ކޮރެޔާއިން ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ދީފައި މިވަނީ، އޭޝިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އުތުރު ކޮރެޔާގެ މައްސަލައިގައި ކޮންމެ ފަދަ ފިޔަވަޅެއް އެޅުމަށްވެސް ޖެހިލުންނުވާކަމަށް ވިދާޅުވެފައި ވަނިކޮށެވެ. މިގޮތުން އަސްކަރީ ގޮތުން ފިޔަވަޅު އަޅަންޖެހުނަސް، އެކަން ކުރާނެކަމަށް އެމެރިކާގެ މަސްޢޫލުވެރިން ދަނީ ވިދާޅުވަމުންނެވެ. 

img:http://s2.psmnews.mv/images/660x400/14925022868994.jpg|އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް، ދެކުނު ކޮރެޔާގައި / އުތުރު ކޮރެޔާއަށް އަސްކަރީ ގޮތުން ފިޔަވަޅު އަޅަންޖެހިދާނެކަމަށް ވިދާޅުވި

ނަމަވެސް އުތުރު ކޮރެޔާއިން ތިބީ ދޫދޭކަށެއް ނޫނެވެ. އެމެރިކާއިން ދީފާނެ ކޮންމެފަދަ ހަމަލާއަކަށްވެސް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށާއި، އެމެރިކާއިން ޙަމަލާދިން ގޮތަކަށް އެމެރިކާއަށްވެސް ޙަމަލާދޭނެކަމަށް ކޮރެޔާގެ އިސް އޮފިޝަލުން ވިދާޅުވިއެވެ.