ދުނިޔެ

އެމެރިކާގެ ރައީސް، އުރުދުޣާނަށް ތަހުނިޔާ ވިދާޅުވެއްޖެ


ތުރުކީވިލާތުގައި ނެގި ފެންނަ ނުފެންނަ ވޯޓުން ތުރުކީވިލާތުގެ ރައީސަށް ލިބިވަޑައިގަތް ކާމިޔާބީއަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ތަހުނިޔާ ވިދާޅުވެއްޖެއެވެ. 

ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިޕް އުރުދުޣާނަށް ފޯނުން ގުޅުއްވާ ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ތުރުކީ ވިލާތުގެ ޤާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ރައްޔިތުން ބަލައިގަތުމާއި ގުޅިގެން އެކަމަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ޓެރަރިޒަމްއާއި ސޫރިޔާގެ މައްސަލައާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ބުނެއެވެ. މިގޮތުން ސޫރިޔާގެ އެއަރބޭސްއަކަށް އެމެރިކާއިން ދާދިފަހުން ދިން ޙަމަލާއަށް ތުރުކީން ތާޢީދުކުރުމުން، އެކަމަށްޓަކައި ތުރުކީގެ ރައީސަށް ޝުކުރު ދެންނެވިކަމަށްވެސް ވައިޓް ހައުސް އިން ބުނެއެވެ.  

ތުރުކީގައި ނެގުނު ފެންނަ ނުފެންނަ ވޯޓުން އުރުދުޣާނަށް ލިބިވަޑައިގަތް ކާމިޔާބީއަށް އެމެރިކާގެ ރައީސް ތަހުނިޔާ ދަންނަވާފައި މިވަނީ، ހުޅަނގުގެ ބައެއް ޤައުމުތަކުންނާއި މޮނީޓަރުން އިންތިޚާބުގެ ކަންތައްތައް ދިޔައީ އިންސާފުން ނޫންކަމަށް ބުނަމުންދަނިކޮށެވެ. 

img:http://s4.psmnews.mv/images/660x400/14924376628040.jpg|ތުރުކީގެ ރައީސް އުރުދުޣާން ވޯޓް ދެއްވަނީ / ތުރުކީގެ ރައީސްއަށް ބޮޑެތި ބާރުތަކެއް ލިބިގެންދާގޮތަށް ޤާނޫނުއަސާސީ ވަނީ އިސްލާހުކޮށްފައި

ހުޅަނގުގެ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން އުރުދުޣާން ވިދާޅުވީ ތުރުކީގައި ނެގުނު ވޯޓަކީ އިންސާފުން ނެގުނު ވޯޓެއް ނޫންކަމަށް ބުނެ، ހުޅަނގުގެ ފަރާތްތަކުން ދައްކާ ވާހަކަތައް ތުރުކީގެ ރައްޔިތުންނަށް ނީވޭނޭކަމަށާއި، އަޑުވެސް ނާހާނެކަމަށެވެ. އަދި ތުރުކީގައި ކުރިއަށްދިޔަ އިންތިޚާބަކީ ޔޫރަޕްގެ އެހެން ޤައުމަކުން ނުފެންނަ ވަރުގެ ޑިމޮކްރެޓިކް އިންތިޚާބެއްކަމަށް އުރުދުޣާން ވިދާޅުވިއެވެ. އަދި ޤާނޫނުން ރައީސަށް ދިން ބާރުތަކަކީ ހަމަނުޖެހުމެއް ނެތް، ސުލްޙަވެރިކަމާއެކު ދައުލަތެއް ހިންގުމަށް މުހިއްމު ބާރުތަކެއްކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގައި އާދީއްތަދުވަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގީ، ރައީސަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ތުރުކީގެ ޤާނޫނުއަސާސީއަށް ގެންނަން ހުށަހެޅި އިސްލާހުތަކަށެވެ. އެއިސްލާހުތަކަށް ވޯޓުލީ 51 އިންސައްތަ މީހުން ތާޢީދުކުރިއެވެ. މިއިސްލާހުތަކާއެކު ތުރުކީ ވިލާތުގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކުން، ރިޔާސީ ނިޒާމަކަށް ބަދަލުވެގެންދާނެއެވެ.