ކުޅިވަރު

މިސީޒަނަށް ފަހު ޓެރީ ޗެލްސީ ދޫކޮށްލަން ނިންމައިފި


ޗެލްސީ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރ ޖޯން ޓެރީ މިސީޒަން ނިމުމުން ކްލަބް ދޫކޮށްލާނެ ކަމަށް ޗެލްސީން ބުނެފިއެވެ.

ޗެލްސީގެ އޮފިޝަލް ވެބްސައިޓްގައި ނެރުނު ބަޔާނެއްގައި ބުނީ ޖޯން ޓެރީ ވަނީ ކްލަބަށް 20 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ހިދުމަތްކޮށްދީފައި ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ފަޙުރުވެރި ކަމާއެކު ޗެލްސީގެ ޖާޒީ ލައިގެން ކްލަބާއި ސަޕޯޓަރުން އުފާ ވާފަދަ ކުޅުމެއް ދައްކާފައި ކަމަށެވެ.

ޓެރީ އަކީ ޗެލްސީގެ ތާރީޚުގައިވެސް އެކްލަބު ދުށް އެންމެ ކާމިޔާބު ކެޕްޓަނެވެ. ޓެރީގެ ކެޕްޓަން ކަމުގެ ދަށުން ޗެލްސީ ވަނީ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ހަތް ސަތޭކައަށްވުރެ ގިނަ މެޗު ޗެލްސީއަށް ކުޅެދީފައިވާ ޓެރީ ވަނީ މީގެ ތެރެއިން 578 މެޗު ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ. ޗެލްސީގެ އެންމެ ކާމިޔާބު ކެޕްޓަންގެ އިތުރުން ޓެރީ އަކީ އެކްލަބްގެ އެންމެ ގިނަ ދުވަސްވީ ކެޕްޓަންވެސްމެއެވެ. އަދި ތިން ވަނައަށް އެންމެ ގިނަ މެޗު ޗެލްސީއަށް ކުޅެދިން ކުޅުންތެރިޔާއެވެ.