ދުނިޔެ

އިސްރާއީލުގެ ޖަލުތަކުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި


އިންސާނިއްޔަތާ ޚިލާފަށް އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފަ ތިބި ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ބަނޑުހައި ހޫނުކަމުގެ ހަލުތާލެއް ފަށައިފިއެވެ.

ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ބަނޑުހައި ހޫނުކަމުގެ ހަލުތާލެއް ފަށައިފައިވަނީ ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ފަތަޙަ ޖަމާޢަތުގެ ލީޑަރެއް ކަމަށްވާ މަރްވާން ބަރުޣޫސީ އެކަމަށް ގޮވާލެއްވުމުންނެވެ.

ބަނޑުހައިހޫނުކަމުގެ ހަލުތާލެއް ފެށެމަށް ގޮވާލެއްވި ބަރުޣޫސީ ދަނީ އުމުރު ދުވަހުގެ ފަސް ޖަލު ޙުކުމް އިސްރާއީލުގެ ޖަލެއްގައި ފުރިހަމަ ކުރައްވަމުންނެވެ.

ބަރުޣޫސީގެ މިގޮވާލެއްވުމަށް އިޖާބަދީ ބަނޑުހައިހޫނުކަމުގެ ހަލުތާލު ފަށާފައިވާ ފަލަސްޠީނުގެ ރައްޔިތުން ބުނެފައިވަނީ އެމީހުން ބޭނުންވަނީ ޖަލުތަކުގެ ޙާލަތު ރަގަޅުވުމަށާ، ތަހުޤީޤަކާ ނުލާ ޖަލުގައި މީހުން ބަންދު ކުރުން ހުއްޓާލުމަށް ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އިންސާނިއްޔަތާ ޚިލާފަށް އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފަ ތިބި ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ފަށާފައިވާ ބަނޑުހައިހޫނުކަމުގެ ހަލުތާލު ދިގުދެމިގެން ގޮސްފިނަމަ، އިސްރާއީލުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ބަނޑުހައި ހޫނުކަމުގެ ހަލުތާލެއް ފަށާފައިވަނީ އިސްރާއީލުގެ އިސްތިޢުމާރާ ނުފޫޒުގެ ދަށަށް ފަލަސްޠީނުގެ ބިންތައް ކަމަށްވާ ހުޅަނގު އައްސޭރިއާ، ޤުދުސްގެ ހުޅަނގުގެ ސަރަޙައްދުތަކާ، ޣައްޒާ ގެނެވުނުތާ ފަންސާސް އަހަރު ފުރުން ފާހަގަ ކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.