ވިޔަފާރި

"ބިޒްނަސް ސެންޓަރުތައް ތަރައްޤީކުރެއްވުމުގެ މަސައްކަތް ކާމިޔާބު"


އަތޮޅުތެރޭގައި ޤާއިމްކުރައްވާފައިވާ ބިޒްނަސް ސެންޓަރުތައް ތަރައްޤީކުރެއްވުމަށް މިއަހަރުގެ މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ދެއްވަމުން ގެންދަވާ ބައެއް ޚިދުމަތްތައް ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް ދެއްވަން ފައްޓަވާފައިވާކަމަށެވެ. މިގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ވިޔަފާރީގެ ނަން ރަޖިސްޓްރީކުރުމާއި، ކުންފުނި ރަޖިސްޓްރީ ކުރުން ފަދަ ހިދުމަތްތައް ބިޒްނަސް ސެންޓަރުތައް މެދުވެރިކުރައްވައި ދެއްވަމުން ގެންދަވާކަން ވިސާމް ފާހަގަކުރެއްވިއެވެ.

ބިޒްނަސް ސެންޓަރުތަކުގެ އެހީގައި ޒަމާނީ ސިސްޓަމެއް ޤާއިމްކުރައްވާ މަސައްކަތް ފެށްޓެވުމުން އިކޮނޮމިކް މިނިސްޓްރީން ދެއްވަމުންގެންދަވާ ޚިދުމަތް ދިނުމުގައި ފަސޭހަތަކެއް ލިބި ކުރިއެރުން އައިސްފައިވާކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި ބިޒްނަސް ސެންޓަރުތައް ޤާއިމްކުރައްވާފައެވެ. އަތޮޅުތަކުގައި ބިޒްނަސް ސެންޓަރުތައް ޤާއިމްކުރެވިގެން ދިޔަކަމީ އެކަމުގެ ސަބަބުން ރަށްރަށުގެ ކުދި ވިޔަފާރިތައް ކުރިއެރުމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.