ކުޅިވަރު

މޯހަން ބަގާންއާއި ދެކޮޅަށް ކުޅެން އޮތް މެޗަށް މާޒިޔާ ފުރައިފި


އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް މިއަދު އިންޑިއާއަށް ފުރައިފިއެވެ. 

އަންނަ ބުދަ ދުވަހު އޭއެފްސީ ކަޕްގެ ގްރޫޕް އީގައި އިންޑިޔާގެ މޯހަން ބަގާންއާއި ދެކޮޅަށް ރާއްޖޭގެ ޓީމް ނިކުންނައިރު ދެ ޓީމަށްވެސް މިއީ މުހިންމު މެޗެކެވެ. މާޒިޔާ ގްރޫޕްގައި ކުޅުނު ދެ މެޗްގެ ތެރެއިން އެއް މެޗުން ބަލިވިއިރު، މޯހަން ބަގާންވެސްވަނީ އެއް މެޗުން ބަލިވެފައެވެ. 

ގްރޫޕްގެ އެއްވަނާގައި އޮތީ ކުޅުނު ދެ މެޗްވެސް ކާމިޔާބުކުރި އިންޑީޔާގެ ޗެމްޕިއަން ބެންގަލޫރު އެފްސީއެވެ. 

މި މެޗަށް މާޒިޔާ ނިކުންނައިރު އެޓީމްވަނީ މާލޭ ލީގުގައި ވާދަވެރި ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްފައެވެ. އަދި މޯހަން ބަގާންވެސްވަނީ އައި ލީގުގައި އެންމެ ފަހުން ކުޅުނު މެޗް ކާމިޔާބުކޮށްފައެވެ. އެޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވެފައެއް ނުވެއެވެ. މާޒިޔާ މި ސީޒަންގައި ކުޅުނު މެޗުތަކުގެ ތެރެއިން އެޓީމް ބަލިވެފައިވަނީ އޭއެފްސީ ކަޕްގައި ބެންގަލޫރު އެފްސީ އަތުން އެކަންޏެވެ. 

މޯހަން ބަގާންއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ އިރުއޮއްސި 06:30 ގައެވެ.