ތަޢުލީމު

ދަރުމައަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކުރަންޖެހޭ- މިނިސްޓަރ


ދަރިވަރުންގެ ހިތްތަކުގައި ދަރުމައަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކޮށް، ވަރުގަދަކުރުމަށްޓަކާ ސްކޫލްތަކުން މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށްދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނާއި ބައްދަލުކުރެއްވުމުގެ މަޝްރޫޢުގެ ފުރުތަމަ ބުރުގެ ދަށުން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނާއި ބައްދަލުކުރެއްވުމުގެ މަޝްރޫޢުގެ ފުރަތަމަ ބުރުގައި މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ބައްދަލުކުރައްވާފައިވަނީ ވ، މ، ލ އަދި ގއ. އަތޮޅުގެ ހުރިހާ ސްކޫލްތަކެއްގެ ވެރިންނާއެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު ސްކޫލްތަކުގެ ވެރިންނާއި މި ބައްދަލުވުމުގައި ހިއްސާކުރައްވާފައިވެއެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންގެ ތަޢުލީމީ ފެންވަރު އިތުރަށް މަތިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ސްކޫލްތަކަށް ދިމާވެފައިވާ ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތާއެކު، އިޖްތިމާޢީ ކަންކަމުގައި ދަރުމައަށް މަސައްކަތް ކުރުމުގެ ރޫޙު ދަރިވަރުންގެ ކިބައިގައި އާލާކުރުވަންޖެހޭކަމަށެވެ. އަދި އެކަންކަމަށް ދަރިވަރުންނަށް ހިތްވަރު ލިބޭގޮތަށް ސްކޫލްތަކުގެ ހަރަކާތްތައް ރާވާ ހިންގެވުމަށްވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ތަޢުލީމީ ނިޒާމުގެ ތެރެއިން ސްކޫލްތަކަށް ލިބިފައިވާ ކުރިއެރުންތަކަކީ ކޮބައިތޯ ބައްލަވާ، އިތުރަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ޑރ އައިޝަތު ޝިހާމް މަޝްވަރާކުރައްވާފައިވެއެވެ.  

ދެ ދުވަހަށް ކުރިޔަށްދާ މި ބައްދަލުވުމުގައި ފަންނީ ބޭފުޅުން މެދުވެރިކޮށް ސްކޫލްތަކަށް ބޭނުންވާ މަޢުލޫމާތު ޕްރިންސިޕަލުންނަށް ދެއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މުވައްޒަފުންނާއި ފައިސާއާއި ގުޅުންހުރި ކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި ޓިވެޓް، ދަސްވާރު އަދި ބީޓެކް ފަދަ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.