ޚަބަރު

ކޯޓް އަމުރެއްގެ ދަށުން މ.ވިލާ ބިލްޑިންގ ބަލާ ފާސްކުރަން ފަށައިފި


ކޯޓް އަމުރެއްގެ ދަށުން ފުލުހުން، ޤާސިމް އިބްރާހީމް ދިރިއުޅުއްވާ މ.ވިލާ ބިލްޑިންގ ބަލާ ފާސްކުރައްވަމުން އެބަގެންދަވައެވެ.

ފުލުހުން މ.ވިލާ ބިލްޑިންގ ބަލާ ފާސްކުރައްވާ ސަބަބަކީ " ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު، ކ.މާލެ / މ. މާފަންނުވިލާ ޤާސިމް އިބްރާހީމް ބޭނުންވާ ވަކި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓްތައް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ ވޯޓަށް ނުފޫޒް ފޯރުވަން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭތީއާއި ދިވެހިރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ ޢަމަލުތަކެއް ކުރަމުންދާކަމަށް ތުހުމަތު ކުރެވޭތީއާއި ދަޢުލަތުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ފިތުނަފަސާދަ އުފައްދައި ޤައުމުގެ ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަން ގެއްލުވާލައި މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މ.ވިލާ ބިލްޑިންގގައި މައްސަލައާ ގުޅުންހުރި ތަކެތި ރައްކާކޮށްފައި ހުރިކަމަށް ބެލެވޭތީ މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނައުމަށް" ކަމަށް ކްރިމިނަލް ކޯޓުން ނެރުއްވި ކޯޓް އަމުރުގައި ވިދާޅުވެފައިވެއެވެ.

މިކަމަށްޓަކައި ލިބިފައިވާ ހެއްކާއި ޤަރީނާއަކީ ފުލުހުންނަށް ލިބިފައިވާ ސިއްރު މަޢުލޫމާތުތަކެއް ކަމަށްވެސް ކޯޓް އަމުރުގައިވެއެވެ. މި އަމުރުގެ ދަށުން ބަލާ ފާސްކުރަންވާނީ އެވަގުތު ބަލާ ފާސްކުރާ ތަނުގައި ތިބި ބައެއްގެ ހާޒިރުގައި ކަމަށްވެސް ކޯޓް އަމުރުގައި ވެއެވެ. މިއަމުރުގައި ސޮއިކުރައްވާފައިވަނީ ކްރިމިނަލް ކޯޓްގެ އިސް ޤާޒީ އަބްދުލްބާރީ ޔޫސުފެވެ.