ޚަބަރު

ރައީސްގެ އަނބިކަނބަލުން، އިނގުރައިދޫއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ރ. އިނގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންގެ ޙާލު ބައްލަވައިލައްވައިފިއެވެ.

މި ދަތުރުފުޅަކީ އެކަމަނާގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން، ކުރެއްވި ދަތުރުފުޅެކެވެ. އެކަމަނާ މިއަދު ހެނދުނު އިނގުރައިދޫއަށް ވަޑައިގަތުމުން އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. އެރަށުގެ ގިނަޢަދަދެއްގެ ރައްޔިތުން އެކަމަނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބަނދަރު ސަރަހައްދަށް ނިކުމެފައިވެއެވެ.

އިނގުރައިދޫއަށް ވަޑައިގެންނެވުމަށްފަހު އެކަމަނާ ވަނީ އެރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވައި އެމީހުންގެ ޙާލު ބައްލަވާލައްވާފައެވެ. އަދި އިނގުރައިދޫގެ އެކި ޖަމްޢިއްޔާތަކާއި، މުއައްސަސާތަކުގެ އިސްވެރިންނާ އެކަމަނާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުންތަކުގައި އެކަމަނާ ވަނީ އެފަރާތްތަކަށް ދިމާވާ ދަތިތަކާގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ރ. އަތޮޅަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގައި އެކަމަނާ ވަނީ ރ. ދުވާފަރާއި، އަލިފުއްޓާއި، އުގޫފާރާއި އިންނަމާދޫއަށްވެސް ވަޑައިގެންފައެވެ. 

މިދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއީ، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ޑިފެންސް މިނިސްޓަރ އާދަމް ޝަފީފް ޢުމަރާއި، ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅަށް ނިސްބަތްވާ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

"އެންމެ ގާތުން" މި ކެންޕޭނަކީ ރައީސްގެ އަނބިކަނވަލުންގެ އިޖްތިމާޢީ މަސައްކަތްތައް ޢާންމުންނާ ގާތުން ކުރެއްވުމަށާއި، ޢާންމު ރައްޔިތުންގެ ކަންކަން ގާތުން ބެއްލެވުމަށް ފައްޓަވާފައިވާ ކެމްޕޭނެކެވެ.