ކުޅިވަރު

14 އަހަރުގައި 21 އަހަރުން ދަށުގެ ޓީމުން ޖާގަ ހޯދި ޒުވާނާ!


ރާއްޖޭގެ ކޮންމެ ކުޅިވަރެއްގެވެސް އެންމެ ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންނަކީ ސްކޫލް ދައުރުގައި އެ ކުޅިވަރަކުން ފެންނަން ފެށި ތަރިންނެވެ. ރާއްޖޭގެ އެންމެ ފޯރިގަދަ ކުޅިވަރު ފުޓްބޯޅައިން ފެށިގެންގޮސް ޗެސްއަށް ބެލިޔަސް ފެނިގެންދަނީ އެއް މަންޒަރެކެވެ. ސްކޫލްތަކާއިއެކު ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިން ގައުމީ ޓީމްތަކުގައި ގިނައެވެ. އެ ކުޅުންތެރިންނަށް ލިބިފައިވާ ތަޖުރިބާވެސް ގިނައެވެ. ކާމިޔާބީވެސް ގިނައެވެ.

ފަހަކަށް އައިސް އެންމެ ކުރިއަރަމުން އަންނަ އެއް ކުޅިވަރުކަމުގައިވާ ނެޓްބޯޅައިގައި ޒުވާން ކުޅުންތެރިންގެ ވިދުން ގަދަވުމަކީ މިހާރު އާ ވާހަކައެއް ނޫނެވެ. އުމުރުން އެންމެ 18 އަހަރުގެ ހަމްނާ އަބްދުއްރަޙްމާން (ހަންނަ)އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނެޓްބޯޅާގައި ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިއެކެވެ.

އުމުރުން އެންމެ 13 އަހަރުގައި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއިއެކު ހަންނަ ނެޓްބޯޅަ ކޯޓަށް އެރީ މި ކުޅިވަރުގައި ކުރިއަށްދާން ބޭނުންވެގެނެއް ނޫނެވެ. އޭރު ހަންނަގެ އެއް ނަންބަރު ކުޅިވަރަކީ އެތްލެޓިކްސްއެވެ. ސްކޫލުގެ ނެޓްބޯޅަ ކޯޗް އައިޝަތު ނާޒިމާގެ އެދުމުގެ މަތިން ހަންނަ ނެޓްބޯޅަ ކުޅުނީ މި ކުޅިވަރު ރަނގަޅަށް ދަސްކޮށްގެނެއްވެސް ނޫނެވެ. ގްރޭޑް 6 ގައި ސްކޫލް ތަމްސީލްކުރި ފުރަތަމަ އަހަރު ޓީމަށް ރަނގަޅު ކާމިޔާބެއް ނުލިބުނެވެ.

ފުރަތަމަ އަހަރުގެ ނާކާމިޔާބާއިއެކު ސްކޫލް މާޔޫސްވި ދަނޑިވަޅުގައި ހަންނަ އަޒުމެއް ކަނޑައެޅިއެވެ. އިންޓަރ ސްކޫލް މުބާރާތުގެ ތަށި ހޯދުމުގެ އަޒުމެވެ. ހަމްނާ ފާހަގަކުރާ ގޮތުގައި ނެޓްބޯޅައަށް ހަގީގީ ޝައުގުވެރިކަން އުފެދުނީ އެހާ ހިސާބުންނެވެ.

img:http://s1.psmnews.mv/images/660x400/14923363285374.JPG|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކެޕްޓަން ހަމްނާ / ފޮޓޯ : އައިޝަތު އިފާގާ

"ފުރަތަމަ ފަހަރު ބަލިވީމަ އެންމެން ބުނި ޣިޔާސުއްދީނަކަށް ނުވާނޭ، އެހެން ބުނީމަ ވަރަށް ކިކްއައި، އަސްލު ނެޓްބޯޅަ ކުޅެން އެންމެ ބޮޑަށް މޯޓިވޭޓްވީ އެހާ ހިސާބުން" ނެޓްބޯޅައަށް ސީރިއަސްކަން އުފެދުނު ހިސާބު ހިއްސާކުރަމުން ޒުވާން ކުޅުންތެރިޔާ ބުންޏެވެ.

ޖެހިގެން އައި 2012 ވަނަ އަހަރު ޣިޔާސުއްދީނުން ފުރަތަމަ ފަހަރަށް އިންޓަރސްކޫލް ތަށި އުފުލާލީ ހަންނަގެ މޮޅު ޑިފެންސާއެކުގައެވެ. ޖެހިގެން އައި 3 އަހަރުވެސް ސްކޫލް މުބާރާތުގެ ތަށި ޣިޔާސުއްދީނުން ކާމިޔާބުކުރިއެވެ.

އުމުރުން އެންމެ 14 އަހަރުގައި 21 އަހަރުން ދަށުގެ ޓީމުން ޖާގަ ލިބޭނީ ކިހާ ތަފާތެއް ދައްކައިގެން ހެއްޔެވެ؟ 2013 ވަނަ އަހަރު ބްރުނާއީގައި އޮތް އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމުން ހަންނައަށް ފުރުސަތު ލިބުމުން ހައިރާންވާންޖެހޭ ސަބަބެއް ނެތެވެ. ޅަ އުމުރުގައިވެސް ހަންނަގެ ހުނަރުން އޭނާ ކޯޗުންގެ ތަޢުރީފާއި އިތުބާރު ހޯދިއެވެ. 2015 ވަނަ އަހަރު ހޮންގކޮންގގައި އޮތް އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމުންވެސް އޭނާއަށް ފުރުސަތު ލިބުމުން ފާޑުކިޔާނެ މީހަކު ނެތެވެ. އެ މުބާރާތުގައި ޓީމްގެ ވައިސް ކެޕްޓަންކުރި ހަންނައަށް ކެރިއަރުގެ އެންމެ ބޮޑު އުފާވެސް ހާސިލްވިއެވެ.  އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދިވެހި ކުޅުންތެރިޔާގެ މަގާމް ހޯދިއެވެ. ހަންނަ ފާހަގަކުރާ ގޮތުގައި ކުރު ނެޓްބޯޅަ ހަޔާތުގައި އެންމެ ފާހަގަކޮށްލެވޭ ދުވަހަކީ އެއީއެވެ.

"މިހާތަނަށް އެންމެ އުފާވި ދުވަހަކީ ހޮންގކޮންގ މުބާރާތުން ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިޔާގެ މަގާމް ލިބުން، ވަރަށް ހިތްހަމަ ޖެހުނު ދުވަހެއް އެއީ" ކުރިއަރަމުން އަންނަ ކުޅުންތެރިޔާ ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14923364297031.jpg|2015 އަހަރު ހޮންގކޮންގގައި ކުރިއަށްދިޔަ އޭޝިޔަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހި ޓީމްގެ ކުޅުންތެރިންނާއިއެކު ހަންނަ (ވ.6)

ހަންނަ ނެޓްބޯޅައަށް ނެރެދިން ކޯޗް އައިޝަތު ނާޒިމާ ފާހަގަކުރާ ގޮތުގައި ހަންނައަކީ އަބަދުވެސް ބުނާ ގޮތަށް ކުޅޭ ބުރަކޮށް މަސައްކަތްކުރާ ކުއްޖެކެވެ. ދުވަހަކުވެސް ކޯޗުގެ ބަހަށް ނޫނެކޭ އޭނާ ނުބުނެއެވެ. މިހާރުވެސް ޓީމަކަށް ކުޅެން ހަންނައަށް ފުރުސަތު ލިބުނަސް ނާޒިމާއަށް ގުޅައި ހަދަންވީގޮތް އޭނާ ގާތުގައި އަހަނީ އުފަލާއެކުގައެވެ.

"ހަންނައަކީ ހަމަ ކޮއްކޮއެއް ފަދަ ކުއްޖެއް، އެހާވެސް ގާތްވާނެ ބަސް އަހާނެ، މެޗުގައި އަބަދުވެސް ބުނާ ގޮތަށް ކުޅޭނީ، ދުވަހަކުވެސް ނޫނެކޭ ނުބުނާނެ، މަސައްކަތުގެ ރޭޓަށް ދޭނެ ޕަސެންޓޭޖެއްވެސް ނެތް، އެހާވެސް ރަނގަޅުވާނެ" ނެޓްބޯޅައާއި ވޮލީބޯޅައިގެ ކުރީގެ ތަރި ބުންޏެވެ. 

ހަންނައަކީ އާންމުކޮށް ޑިފެންސް ލައިންގެ މަގާމްތަކަށް ކޯޗު ބޭނުންކުރާ ކުޅުންތެރިއެކެވެ. އެހެންނަމަވެސް އެޓޭކަށްވެސް ކުޅެން އޭނާގެ ޝައުގުވެރިކަން ހުރެއެވެ. ޑިފެންސްގެ ބްލޮކަށް ބަލާއިރު ރާއްޖޭގައި މިހާރު ހުރި އެންމެ އުއްމީދީ ކުޅުންތެރިޔާއަކީ ހަންނައެވެ.

ހަންނަ ގަބޫލުކުރާ ގޮތުގައި ނެޓްބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް ފުރުސަތު އެބައޮތެވެ. އެސޯސިއޭޝަނުން ގިނަ މުބާރާތްތަކެއް ބާއްވައެވެ. ނެޓްބޯޅައާއި ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ހިންގައެވެ. ކޮންމެ ދުވަހަކު ޕްރެކްޓިސްކޮށް ގަދަ އަޅައި މަސައްކަތްކުރަން ފުރުސަތުވެސް ހޯދައިދެއެވެ. އެކަކަމަކު ހަންނަގެ ޝަކުވާއެއްވެސް އެބަ އޮތެވެ. ދާއިމީ ގޮތެއްގައި ގައުމީ ޓީމްތައް ޕްރެކްޓިސް ނުކުރުމެވެ. މުބާރާތަކަށް ތައްޔާރުވާން ދެ މަހަށް ވީމަ ޕްރެކްޓިސް ކުރަން ފަށައިގެން ބޭނުންވާ މިންވަރަށް ކުރިއެރުމެއް ނުލިބޭނެކަމަށް ހަންނަ ގަބޫލުކުރެއެވެ.

ކުޅިވަރު ކުޅޭ އެހެން ކުޅުންތެރިއެކޭ އެއްގޮތަށް ހަންނަގެވެސް އުއްމީދަކީ މި ކުޅިވަރުގައި ގައުމީ ޓީމް ތަމްސީލް ކުރަން ރާއްޖެއިން ބޭރުން ފުރުސަތު ލިބުމެވެ. އަދި ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމެވެ. ޤައުމީ ސްކޮޑުން ފުރުސަތު ލިބުނަސް ކިޔެވުމުގެ ސަބަބުން އޭނާއަށް ޓީމާއިއެކު ބައިވެރިވެވިފައި ނުވެއެވެ. މިހާރު ގްރޭޑް 12ގައި ތަޢުލީމް ހާސިލްކުރަމުންދާ ހަންނަ ސީނިއަރ ޓީމުން ޖާގަ ހޯދުމުގެ އިތުރަށް ޓީމް ލީޑް ކުރަންވެސް ބޭނުންވެއެވެ.

img:http://s4.psmnews.mv/images/660x400/14923376095593.jpg|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ބައެއް ކުޅުންތެރިންނާއިއެކު ހަމްނާ (ކ.1) / ފޮޓޯ : އިސްމާއިލް އަޒްމީން

"އެންމެ ދެކެން ބޭނުންވާ ދުވަހަކީ ސީނިއަރ ޓީމުން ޖާގަ ލިބޭނެ ދުވަސް، އޭގެ ފަހުން ޓީމްގެ ކެޕްޓަންކަން ކުރުން، އެއަށްފަހު ކޯޗްކަންވެސްކުރަން ވަރަށް ބޭނުން" ހަންނަގެ އުއްމީދުތައް ބޮޑެވެ.

ޝުކުރުގެ ލިސްޓުން ހަންނަ އެންމެ ފުރަތަަމަވެސް ފާހަގަކުރަނީ އޭނާގެ މައިންބަފައިންނެވެ. އޭގެ ފަހުން ނާޒިމާ ކޯޗެވެ. ނެޓްބޯޅަ ކުޅެން ނުވެސް އިނގޭއިރު، އިތުބާރުކޮށްފައި ކޯޓް މައްޗަށް އެރުވި ކޯޗް ނާޒިމާއަކީ ހަންނަ ގަބޫލުކުރާ ގޮތުގައި ނަމޫނާ ކޯޗެކެވެ. އެއަށްފަހު ދިލް ކޯޗާއި، އެކުގައި ކުޅެފައިވާ ކުޅުންތެރިންނެވެ. ޚާއްސަކޮށް ހޮންގކޮންގ ދަތުރުގައި ބައިވެރިވި މުޅި ޓީމެވެ. ނެޓްބޯޅަ ކުރިއެރުވުމަށް ނެޓްބޯޅަ އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްވެސް ހަންނަ އުފަލާއިއެކު ފާހަގަކުރެއެވެ.

ޕީއެސްއެމްގެ ސްޕޯޓްސް ޓީމުން އެދެނީ ހަންނައަށް ނެޓްބޯޅައިގައި ކުރިިއެރުމާއި ކާމިޔާބީއެވެ.