ޚަބަރު

ހަތަރު ދިވެއްސަކު 6000 މީޓަރު އުހުގައި!


ނޭޕާލާއި، ޗައިނާގެ ސަރަޙައްދީ އިން ޙިއްޞާކުރާ، ހިމާލިޔާ ފަރުބަދަތައް ހިމެނޭ ހިސާބަކީ، ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ހުރި ސަރަޙައްދެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވެރެސްޓް ހިމެނޭގޮތުން، ހިމާލިޔާ ފަރުބަދަތަކަށް އަރާ ދުނިޔޭގެ ރެކޯޑްތައް ހެދުމަކީ ވަރަށް ޚާއްޞަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވެރެސްޓްގައި ހިމެނޭ ލޮބޫޗޭ އީސްޓްގެ އެންމެ އުހަށް އަރާ، ހަތަރު ދިވެއްސަކު މިވަނީ ޤައުމީ ރެކޯޑެއް ހަދާފައެވެ. މި ހަތަރު ދިވެހިންވެސް މިހާރު ތިބީ  6119  މީޓަރު އުސްމިނުގެ ލޮބޫޗޭ އީސްޓްގެ އެންމެ ކޮޅުގައެވެ. ދި އެކްސްޕްލޯރާ ޓީމުގައި ހިމެނޭ ހަތަރު ބައިވެރިންނަކީ އަހުމަދު ޒައީމާއި އިބްރާހިމް އުޝާފަތާއި މުހައްމަދު އިމްތިޔާޒާއި މިދަތުރުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އަންހެން ބައިވެރިޔާ، ފާތިމަތު މުނާ ޙުސައިނެވެ. 

ދި އެކްސްޕްލޯރާ ޓީމުން ފަރުބަދައަށް އަރަން ފަށާފައިވަނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. އެހެންކަމުން ލޮބޫޗޭ އީސްޓްގެ އެންމެ އުސް ހިސާބަށް ދިއުމަށް މިވަނީ ސާދަ ދުވަސް ހޭދަވެފައެވެ. 

img:http://s3.psmnews.mv/images/660x400/14922584394214.jpg|

ޕީ.އެސް.އެމާ ވާހަކަދައްކަމުން މިޓީމުގެ އަންހެން ބައިވެރިޔާ މުނާ ވަނީ ފާއިތުވި ސާދަ ދުވަހުގެ ތަޖުރިބާ ޙިއްސާކޮށްފައެވެ. މުނާ ބުނީ ކުރިންވެސް ލަފާކުރިގޮތަށް އުނދަގޫ ކަމެއްގެ ގޮތުގައި އޭނާއަށް ފާހަގަކުރެވުނީ ފިނިހޫނުމިން ދަށަށް ދިއުންކަމަށެވެ. ލޮބޫޗޭގެ ފިނިހޫނުމިން މިހާރު ހުރީ މައިނަސް އަށް ޑިގްރީ ސެލްސިއަސްގައެވެ.  މިއީ ވަރަށް ތަފާތު ތަޖުރިބާއެއްގެ ގޮތުގައި ދި އެކްސްޕްލޯރާ ޓީމުން ފާހަގަކުރެއެވެ. ފަރުބަދައިގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރުމަކީ ޝައުގުވެރިކަމެއްގެ ގޮތުގައި މުނާ ސިފަކުރިއެވެ. 

މީގެ ކުރިންވެސް ދި އެކްސްޕްލޯރާގެ ޓީމުން ވަނީ ހިމާލިޔާ ސަރަޙައްދުގައި ހުރި ބައެއް ފަރުބަދަތަކަށް އަރާ ޤައުމީ ރެކޯޑްތަކެއް ހަދާފައެވެ. ނަމަވެސް އެންމެ އުހަށް އެރުމަށް މިފަހަރު ފެށި ދަތުރު މާބޮޑަށްވެސް މިވަނީ ޚާއްސަވެފައެވެ. ޓީމުގައި މިފަހަރު ހިމެނުނު އަންހެން ބައިވެރިޔާ، މުނާ މިވަނީ އެންމެ އުހަށް އެރި ފުރަތަމަ ދިވެހި އަންހެނާއަށް ވެފައެވެ.

img:http://s1.psmnews.mv/images/660x400/14922584733601.jpg|

ދެން އޮތީ ލޮބޫޗޭ އީސްޓުން ފޭބުމަށް ފަށާ ދަތުރެވެ. މައްޗަށް އެރުމަށް ހޭދަވި ދުވަސްތަކާ ދާދި އެއްވަރަށް ތިރިއަށް ފޭބުމަށް ހޭދަވާނެ ކަމަށް ބެލެވެއެވެ. ޤައުމީ ރެކޯޑާއެކު، ދި އެކްސްޕްލޯރާ ޓީމުން ތިބީ މިފަދަ އެތައް ތަޖުރިބާއެއް ކުރުމަށް ތައްޔާރަށެވެ. އަދި ފަރުބަދަތަކަށް އެރުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެފަދަ ފުރުޞަތުތައް ހޯދައިދިނުމަށް ދި އެކްސްޕްލޯރާއިން އޮތީ ތައްޔާރަށެވެ.