 
										
			މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންގެ ގަދަ 6 ގެ ކުރިމަތިލުން މިރޭ އޮންނާނެއެވެ. 
 
މިރޭގެ ތީމްއަކަށް "މޯލްޑިވްސް" ހަމަޖައްސާފައިވާއިރު، ދިވެހިރާއްޖޭގެ ރީތިކަން ދައްކުވައިދޭ ލަވަތަކެއް ފެނިގެންދާނެއެވެ. ގަދަ 6 ގެ ހިތްގައިމު ރީތި ހުށައެޅުންތަކާއެކު ގާލާ ރައުންޑުގެ 6 ވަނަ ޝޯވ މިރޭ 22:30 ގައި ޓީ.ވީ.އެމުން ގެނެސްދޭނެއެވެ.
 
12 ބައިވެރިންނާއެކު ފެށި މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ގާލާ ރައުންޑުގެ ޝޯވތަކުގެ ވާދަވެރިކަމާއި، ފޯރި ހަފްތާއަކަށްވުރެ ހަފްތާއެއް ގަދަވަމުންދާއިރު، ބައިވެރިންގެ އަދަދު މިހާރު މިވަނީ 6 އަކަށް ތިރިވެފައެވެ. 
 
އައިޑަލްގެ މިފަހަރުގެ ސީޒަންގެ ގަދަ 6 ގައި ވާދަކުރާ ބައިވެރިންނަކީ:
 
- ޝަމްވީލް މުޙައްމަދު
 
- ޢިބްރާހީމް ވަޙީދު
 
- މުޙައްމަދު ތަސްނީމް
 
- އަޙްމަދު ނަބީލް މުޙައްމަދު
 
- ޙަމޫދު އަޙްމަދު
 
- ޢަބްދުﷲ ހިޝާން
 
މޯލްޑިވިއަން އައިޑަލްގެ ކުރީގެ ޝޯވތަކުގައިވެސް މި ބައިވެރިންގެ ފަރާތުން ހިތްގައިމު ރީތި ހުށައެޅުންތަކެއް ފެނިގެންގޮސްފައިވާއިރު، މި ހަފްތާގެ ޝޯވއިންވެސް ތަފާތު ހުށައެޅުންތަކެއް ފެނިގެންދާނެއެވެ. "މޯލްޑިވްސް" މި ތީމަށް މިރޭގެ ޝޯވ ޙާއްސަކޮށްފައިވާއިރު، މިރޭގެ ޝޯވގައި ދިވެހިރާއްޖޭގެ ގުދުރަތީ ރިތީކަމާއި، ތާރީޙާއި، ދިވެހިންގެ ސަޤާފަތާއި ގުޅުންހުރި ލަވަތަކެއް ބައިވެރިން ހުށައަޅާދޭނެއެވެ.
 
ކުރީ ހަފްތާތަކެކޭ އެއްގޮތަށް މިހަފްތާގައިވެސް ބެލުންތެރިންނަށް އެންމެ މަޤުބޫލު ބައިވެރިއަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިރޭގެ ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާ މެންދުރުފަހު ތިނެއް ޖެހުމާއި ހަމައަށް ހުޅުވާލެވޭނެއެވެ. ޖަޖުންގެ 50 އިންސައްތަ މާކްސްއާއި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން އެންމެ މަތިން ޕޮއިންޓް ލިބޭ ބައިވެރިން ހިމެނޭހެން ގާލާ ރައުންޑުގެ ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ. އައިޑަލްގެ މި ހަފްތާގެ ޝޯވއާއެކު، ބައިވެރިންގެ އަދަދު ފަހަކަށް ތިރިވެގެންދާނެއެވެ.