ތަރައްްޤީ

ޔޫރޮޕާ އާއި އެންސެލަޑަސްގައި ދިރުމެއް ހުރެދާނެ- ނާސާ


ޖުޕިޓަރ އާއި ސެޓާންގެ ވަށައިގެން ދައުރުވާ ދެ ހަނދަކުން ދިރުން ފެނިދާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް އެމެރިކާގެ ޖައްވީ ކަންކަމާބެހޭ މައި އިދާރާ، ނާސާއިން ހާމަކޮށްފިއެވެ.

އައު ހޯދުންތަކާއި ބެހޭގޮތުން މަޢުލޫމާތުދެމުން ނާސާއިން ބުނީ ޖުޕިޓަރ ވަށައިގެން ދައުރުވާ ޔޫރޮޕާ ނަމަކަށް ކިޔާ ހަނދާއި ސެޓާން ވަށައިގެން ދައުރުވާ އެންސެލަޑަސް ހަނދުން ދިރުން ފެނިދާނެކަމުގެ އައު ހެކިތައް ފެނިފައިވާކަމަށެވެ. އަދި މީގެތެރެއިންވެސް އެންސެލެޑަސްއަކީ ދިރުން ހުރުމަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ހިމެނޭ ހަނދެއްކަމަށްވެސް ނާސާއިން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/14921632359014.jpg|ސެޓާން ވަށައިގެން ދައުރުވާ. އެންސެލެޑަސް / މިތަނުގައި ދިރުމެއް ހުރެދާނެކަމަށް ބެލެވޭ

ނާސާއިން ބުނާގޮތުން ސެޓާންގެ ވަށައިގެން ދައުރުވާ އެންސެލެޑަސް ބޭރު ފޮރުވިފައިވަނީ ގަނޑުފެނުންނެވެ. އަދި އެގަނޑުފެންތަކުގެ އަޑީގައި ބޮޑު ކަނޑެވެއެވެ. ނާސާއިން ބުނާގޮތުން ގަނޑުފެނުގައި ފަށަލައިގެ ބައެއް ދޭތެރެތަކުން ނިކުންނަ ފެނުގެ އާވިތަކުގެ ތެރޭގައި ހައިޑްރޮޖަން މޮލިކިއުލްގެ އަސަރު ވަރަށް ބޮޑަށް އެބަހުއްޓެވެ. ބޮޑު ސެޕްކްޓްރޯ މީޓަރއެއް ބޭނުންކޮށްގެން ހެދި ދިރާސާތަކުން މިހައިޑްރޮޖަންއަކީ އެންސެލަޑަސްގެ ކަނޑުގެ އަޑީގައި ހިނގާ ހައިޑްރޯތަރމަލް ހަރަކާތްތަކުގެ ސަބަބުން އުފެދޭ އެއްޗެއްކަމަށް ޤަބޫލުކުރެވޭކަމަށް ނާސާއިން ބުނެއެވެ. އެހެންކަމުން ކަނޑުއަޑީގައި މީތޭންގެ އަސަރުވެސް ހުންނާނެކަމަށް ސައިންވެރިން ލަފާކުރެއެވެ. މީތޭންއަކީ އިރުގެ އަލި ނުފޯރާ، މާބޮޑު ދިރުމެއް ނެތް ދުނިޔޭގެ އެންމެ ފުން ކަނޑުތަކުންވެސް ފެންނަ މާއްދާއެކެވެ. މީތޭންއަކީ މިފަދަ ފުން ހިސާބުތަކުގައި އުޅޭ ކުދިކުދި މައިކްރޯބްސް ދިރިހުރުމަށް ނޭވާލުމަށް އޮކްސިޖަންގެ ބަދަލުގައި ބޭނުންކުރާ އެއްޗެކެވެ.

img:http://s2.psmnews.mv/images/660x400/14921633962664.jpg|ޖުޕިޓަރ ވަށައިގެން ދައުރުވާ ޔޫރޮޕާ / މިތަނުގައި ދިރުމެއް ހުރެދާނެކަމަށް ސައިންސްވެރިން ލަފާކުރޭ

ޖުޕިޓަރ ވަށައިގެން ދައުރުވާ ޔޫރޮޕާ ނަމަކަށްކިޔާ ހަނދުންވެސް ފެނުނީ ހަމަ މިފަދަ މަންޒަރުތަކެކެވެ. ޔޫރޮޕާއަކީވެސް ގަނޑުފެނުގެ ފަށަލައެއް މަތީގައި އޮވެފައި، އަޑީގައި ލޮނުފެނުގެ ބޮޑު ކަނޑެއް އޮތް ހަނދެކެވެ. ޔޫރަޕާގެ ގަނޑުފެންތަކުގެ ދޭތެރެއިންވެސް ފެނުގެ އާވިތައް ނިކުންނައިރު، މިއީ ޔޫރަޕާއިން މިކަން ފެނުނު ދެވަނަ ފަހަރުކަމަށް ނާސާއިން ބުނެއެވެ.

ނާސާއިން ބުނާގޮތުން މިއީ ދިރުން ހުރުމަށް ބޭނުންވާ މާއްދާތައް ހުރިތަނެއް ނުވަތަ ދިރިހުރެވޭނެ ވެއްޓެއް ކާއިނާތުގެ ތެރެއިން ހޯދުމަށް ކުރި މަސައްކަތުން، އެފަދަ ތަނަކާ އެންމެ ގާތްކުރާ ތަނެއް ފެނުނު ފުރަތަމަ ފަހަރެވެ.

img:http://s3.psmnews.mv/images/660x400/14921632021460.jpg|ސެޓާން ވަށައިގެން ދައުރުވާ. އެންސެލެޑަސް / މިތަނުގައި ދިރުމެއް ހުރެދާނެކަމަށް ބެލެވޭ

ޕްލެނެޓެއް ނުވަތަ ތަރިއެއްގައި ދިރުން ހުރުމަށް ފެނާއި، ހަކަތައިގެ ބާވަތްތަކާއި ކަރބަން، ހައިޑްރޯޖަން، އޮކްސިޖަން، ނައިޓްރޯޖަން އަދި ސަލްފަރ ފަދަ ކެމިކަލް ބާވަތްތައް އެތަނެއްގައި ހުންނަޖެހެއެވެ. ނާސާއިން ބުނާގޮތުން މިއީ އެހުރިހާ ކަމެއް ގާތްގަނޑަކަށް ފުރިހަމަވާ ދެ ތަނެވެ. އެހެންކަމުން ދުނިޔެ ފިޔަވައި ދެން ދިރުމެއް ހުރި އެއްޗެއް ފެންނާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ މިދެ ތަނުންކަމަށް ނާސާގެ ސައިންވެރިން ލަފާކުރެއެވެ.

އެހެންކަމުން ނާސާއިން ދެން ތައްޔާރުވާނީ ޔޫރަޕާއާއި އެންކެލަޑަސްގެ އިތުރު ދިރާސާތައް ހެދުމަށެވެ. ނާސާއިން ބޭނުންވަނީ އެތަންތަނުގައި ދިރުމެއް ނުވަތަ ދިރިހުރެވޭނެ ވެއްޓެއް އޮތްތޯ ސީދާ ޔަޤީންކުރުމަށެވެ.