އދ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރި ތިން ބުރީގެ އާ ޢިމާރާތް، ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.
މިއީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގެވި މަޝްރޫޢެކެވެ. އދ. މަހިބަދޫގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލަށް އިތުރުކުރި، އާ އިމާރާތާއެކު، އެ ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަލަށް ޢިމާރާތް ކުރި 3 ބުރީގެ މި އިމާރާތުގައި ކުޑަކުދިންގެ ވޯޑަކާއި، އައިސޮލޭޝަން ވޯޑެއްގެ އިތުރުން، އޮފީސް ބަޔަކާއި ކޮންފަރެންސް ހޯލެއް ހިމެނެއެވެ.
މި ޢިމާރާތް ރަސްމީގޮތުން ހުޅުއްވައިދެއްވުމަށްފަހު ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ މި ޢިމާރާތް ބައްލަވާލައްވާފައެވެ. އަދި ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، ހޮސްޕިޓަލުގެ އެކިއެކި ކަންކަން ކުރިއަށްދާގޮތް މިނިސްޓަރުވަނީ އޮޅުންފިލުއްވާފައެވެ. ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހެއްދެވި މިޢިމާރާތުގެ ބިންގާ އަޅާފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ.
މި ޢިމާރާތުގެ މަސައްކަތްނިމި، މިތަން މިހާރު ބޭނުންކުރަންވެސް ފަށާފައިވާއިރު، މިތަނުގެ ސަބަބުން ހޮސްޕިޓަލުގެ އޮޕަރޭޝަންތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާކަން އދ.އަތޮޅު ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އދ.ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހީމް ޢާދަމް ވިދާޅުވިގޮތުގައި، އެ ހޮސްޕިޓަލަކީ 24ގަޑިއިރު ޚިދުމަތްދޭ ތަނަކަށްވެފައި، މަހިބަދޫ ރައްޔިތުންގެ އިތުރުން މުޅި އދ.އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި މިކަން ކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއްދެނީ ޚިދުމަތުގެ ކޮލެޓީ ހިފެއްހެޓުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އދ. އަތޮޅު ހޮސްޕިޓަލަށް އަލަށް އިތުރުކުރި ޢިމާރާތާއެކު، އެ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ މިހާރު ވަނީ 19 އަށް އިތުރުވެފައެވެ. އެ ހޮސްޕިޓަލުގައި މިވަގުތު 7 ޑޮކްޓަރުން ހިމެނޭހެން ޖުމްލަ 140 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.