ކުޅިވަރު

ނިއުއާއި މާޒިޔާގެ ފުރަތަމަ ކުރިމަތިލުން މާޒިޔާއަށް


މިއަހަރުގެ ސީޒަންގައި ނިއުރޭޑިއަންޓާއި މާޒިޔާގެ ފުރަތަމަ ކުރިމަތިލުން މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ކާމިޔާބުކޮށްފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވާދަވެރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރިމަތިލުން މާޒިޔާއިން ކާމިޔާބުކުރީ ނިއުއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގިނަ ހަމަލާތައް އުފެއްދީ މާޒިޔާއިންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މާޒިޔާ ކޮޅަށް ފުރަތަމަ ފަހަރަށް ގޯލެއް ޖެހީ ނިއުރޭޑިއަންޓުންނެވެ. އެޑްރިއަން ގަލާޑޯ ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ މިޑްފިލްޑާރ އަކްރަމް އަބްދުލްޢަނީއެވެ.

ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ޖަހައިދިނީ މެޗްގައި މޮޅު ކުޅުމެއް ދެއްކި އެލެކްސަންޑާރ ރަކިޗެވެ. ދެވަނަ ހާފްގައި މާޒިޔާގެ ދެވަނަ ލަނޑު ޖަހައިދިނީ މެޗުގައި ބަދަލްކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހަސަން ޝީފާޒެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗް މާރްޔާން ސެކުލޯސްކީ ބުނީ ކުޅުންތެރިން ދެއްކި ހިތްވަރަށް މަރުޚަބާކިޔާކަމަށާއި، މެޗުން މޮޅުވީ ދެވަނަ ހާފްގައި އާ ހިތްވަރަކާއިއެކު ކުޅުންތެރިން ދެއްކި ކުޅުމުންކަމަށެވެ.

މުހިންމު ކުޅުންތެރިންނާއި ނުލައި މި ހޯދުނީ ވަރަށް މުހިންމު މޮޅެއްކަމަށްވެސް ކޯޗް ސެކުލޯސްކީ ފާހަގަކުރިއެވެ.

"ވަރަށް ބުރަ މަސައްކަތުން ހޯދުނު މޮޅެއް މިއީ، ހުރިހާ ކުޅުންތެރިން ދެވަނަ ހާފްގައި ވަރަށް ހިތްވަރުކުރި، މަރުޚަބާ ހުރިހާ ކުޅުންތެރިންނަށް" ސެކުލޯސްކީ ބުންޏެވެ.

މެޗަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗް ބެނާޑޯ ޓެވަރޭސް ބުނީ ކުޅުންތެރިން ދެއްކި ކުޅުމަށް ޝަކުވާއެއް ނެތްކަމަށާއި، ބަލިވުމުން ބަހަނާ ދައްކަން ބޭނުން ނުވާކަމަށެވެ.

އެހެންނަމަވެސް މެޗުގައި ރެފްރީގެ ބައެއް ނިންމުންތައް ގޯސްކަމަށް އޭނާ ފާހަގަކުރިއެވެ. މާޒިޔާގެ ފޯވާޑް އަސަދުﷲ އަދި އައްސަދު އަލީގެ ފައުލްތައް ފާހަގަކުރަމުން ޓެވަރޭސް ބުނީ މެޗުގެ ފުރަތަމަ ހާފްގައި އައްސަދު އަލީއަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތްކާޑެއް ދައްކަން ޖެހޭނެކަމަށެވެ.

"ބަލިވުމުން ދައްކާ ބަހަނާއެއް ނޫން، އެކަމަކު ބަލަން ތިބި މީހުންނަށްވެސް އިނގޭނެ އައްސަދު އަދި އަސަދުﷲގެ ފައުލްތަކަށް ކާޑް ދައްކަން ޖެހޭނެކަން، ފުރަތަމަ ހާފްގައި އައްސަދު އަލީއަށް ދެވަނަ ރީނދޫ ދައްކަންޖެހޭނެ، އެވަރަށް އޭނާ ފައުލްކުރި" ޓެވަރޭސް ބުންޏެވެ.

މާޒިޔާ މި މެޗުން މޮޅުވުމާއިއެކު ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއިއެކު އެޓީމްވަނީ ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނާގައި އޮތް ނިއުރޭޑިއަންޓް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.