ދުނިޔެ

ނިއުކްލިއަރ ޓެސްޓެއްކުރުމަށް އުތުރު ކޮރެޔާއިން ތައްޔާރުވެއްޖެ!


ނިއުކްލިއަރ ޓެސްޓެއް ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އުތުރު ކޮރެޔާއިން ވެފައިވާކަމަށް އެޤައުމުގެ މަސްޜަހު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

އުތުރު ކޮރެޔާގެ މަސްޜަހު ދިރާސާކުރާ ޖަމާއަތެއްކަމަށްވާ "ތަރޓީ އެއިޓް ނޯތް" އިން ބުނާގޮތުން ޕަންގުއިރީގައި ހުންނަ ނިއުކްލިއަރ ޓެސްޓްކުރާ ސަރަޙައްދު މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯތަކުން، އެޤައުމުން ކުރާ 6 ވަނަ ނިއުކްލިއަރ ޓެސްޓް ކުރުމަށް ތައްޔާރުވަމުންދާކަން ޔަޤީންވެފައިވާކަމަށެވެ. އެގޮތުން ނިއުކްލިއަރ ޓެސްޓްކުރުމަށް ބޭނުންވާ އާލާތްތަކާއި އެސަރަޙައްދަށް ގެންގޮސްފައިވާއިރު ކޮމާންޑް ސެންޓަރުގެ ހަރަކާތްތައް އިތުރުވެފައިވާކަން އެޖަމާއަތުން ފާހަގަކުރެއެވެ.

"ކޮންމެ ފޮޓޯއެއް ވަކިވަކިން އަހަރުމެން ދިރާސާކުރަން.. އެންމެފަހުން ލިބުނު ސެޓްލައިޓް ފޮޓޯއާ، މީގެ ހައެއްކަ މަސްދުވަސް ކުރީގެ ފޮޓޯ އަޅާކިޔާލުމުން ކަން ހިނގަމުންދާ ގޮތް އެނގޭ" ނޯތް 38ގެ ތަޖުރިބާކާރެއް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14920727390113.jpg|އުތުރު ކޮރެޔާގެ އަސްކަރީ ދައްކާލުމެއް

ނޯތް 38 ޖަމާއަތަކީ، ނޯތް ކޮރެޔާގެ މަސްޜަހު ވަރަށް ގާތުން ދިރާސާކުރާ ބައެކެވެ. މިދިޔަ ސެޕްޓެމްބަރުމަހު އުތުރު ކޮރެޔާއިން 5 ވަނަ ނިއުކްލިއަރ ޓެސްޓް ހެދުމުގެ ކުރިންވެސް އެޖަމާއަތުން އެކަމުގެ އިންޒާރުވަނީ ދީފައެވެ.

އުތުރު ކޮރެޔާއިން މީގެ ކުރިން 5 ނިއުކްލިއަރ ޓެސްޓެއްކޮށްފައިވާއިރު، އޭގެ ތެރެއިން 3 ޓެސްޓެއްކޮށްފައިވަނީ 2011 ވަނަ އަހަރުގެ ފަހުކޮޅު ބައްޕާފުޅަށްފަހު ވެރިކަމާ ހަވާލުވެވަޑައިގަތް މިހާރުގެ ލީޑަރު ކިމް ޖޮންގ އުންގެ ވެރިކަމުގައެވެ. އެހެންކަމުން އުތުރު ކޮރެޔާގެ ނިއުކްލިއަރ ޕްރޮގްރާމް އުންގެ ވެރިކަމުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

img:http://s3.psmnews.mv/images/660x400/14920727789630.jpg|އަސްކަރިއްޔާގެ ހަރަކާތްތަކެއް ކިމް ބައްލަވާލައްވަނީ

އުތުރު ކޮރެޔާއިން ނިއުކްލިއަރ ޓެސްޓެއްކުރުމަށް ތައްޔާރުވެފައިވާއިރު، އެކަން ކުރާނެ ސީދާ ދުވަހެއް އެއްވެސް ބަޔަކަށް ލަފާކުރާކަށް ނޭނގެއެވެ. އަނެއްކޮޅުން އަންނަ ހޮނިހިރުދުވަހަކީ އުތުރުކޮރެޔާގެ ބާނީ އަދި މިހާރުގެ ލީޑަރު ކިން ޖޮންގ އުންގެ ކާފާފުޅު، ކިމް އިލް ސަންގެ 105 ވަނަ ދުވަހެވެ. އެދުވަހު އުތުރު ކޮރެޔާއިން ނިއުކްލިއަރ ޓެސްޓް ކޮށްފާނެކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. ނަމަވެސް އެކަމަށް ބުރަ ނުވެވެނީ، މީގެ ކުރިން ކިމް އިލް ސަންގގެ އުފަންދުވަހާއި ދިމާކޮށް އެފަދަ ކަމެއް ކޮށްފައިނުވާތީއެވެ. ނަމަވެސް ކޮރެޔާއަކީ އެންމެ މީހަކު ބުނާގޮތަށް ހިނގާ ޤައުމަކަށްވުމުން، ކޮންމެ ވަގުތަކުވެސް ނިއުކްލިއަރ ޓެސްޓެއްކޮށްފާނެކަމަށް ބެލެވެއެވެ.

އުތުރު ކޮރެޔާއަކީ ނިއުކްލިއަރ ޓެސްޓްކުރުމާއި، މިސައިލް ޓެސްޓްތައް ކުރުން މަނާކޮށްފައިވާއިރު، އެޤައުމުން ދަނީ ތަކުރާރުކޮށް އެކަން ކުރަމުންނެވެ. އެޤައުމުން ބުނަނީ އެއީ ދެކުނު ކޮރެޔާއާއި އެމެރިކާގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކެއްކަމަށެވެ.