ޚަބަރު

ހައުސިންގ މިނިސްޓަރ ޗައިނާއަށް ފުރާވަޑައިގެންފި


ރާއްޖޭގައި ކުރިއަށްގެންދަވާ އެންމެބޮޑު ބިޔަ އެއް މަޝްރޫއުކަމަށްވާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާގުޅޭ މުހިންމު ބައްދަލުވުންތަކަކަށް، ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ޗައިނާއަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ވިދާޅުވީ މި ދަތުރުފުޅުގައި، ބްރިޖުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން، ދެން ކުރައްވަން ހުރި މަސައްކަތްތަކާ ގުޅޭ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމަށެވެ.

ބްރިޖުގެ ފައުންޑޭޝަންގެ މުހިންމު މަސައްކަތްތައް ނިމިފައިވާކަން ފާހަގަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ މިހާރު ކުރިއަށްދަނީ ބްރިޖުގެ ސްޕަރ ސްޓްރަކްޗަރގެ މަސައްކަތްތައް ކަމަށާ، މި ދަތުރުފުޅުގައި މި މައްސައްކަތާ ގުޅުންހުރި ބައްދަލުވުންތަކެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ބްރިޖުގެ މަސައްކަތް ކުރިއަށްދާގޮތާއި ކޮލިޓީ ބެލެހެއްޓުމާގުޅޭ މަސައްކަތްވެސް މި ދަތުރުފުޅުގައި ސީދާގޮތެއްގައި ބައްލަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.