ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 51 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި، އެއަރޕޯޓުގެ 10 މުވައްޒަފަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ފުރުޞަތު ދީފިއެވެ. މީގެ އިތުރުން އެއަރޕޯޓްގައި ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ 11 މުވައްޒަފެއްގެ ދަރިންނަށް މަތީ ތަޢުލީމަށް ކިޔެވުމަށް، އިންޓަރެސްޓް ފްރީ ލޯންވެސް ދީފައިވެއެވެ.
ރާއްޖޭގެ ޤައުމީ އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 51 އަހަރު ފުރުން ފާހަގަކުރުމަށް ކުލަ ގަދަ ހަފްލާއެއް ވަނީ ބާއްވާފައެވެ. ދިވެހިރާއްޖޭގެ މައި އެއަރޕޯޓްގައި 2100 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. މިއީ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މުވައްޒަފުންގެ މެދުގައި އެކުވެރި މާޙައުލެއް އެފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަފްލާއެކެވެ.
އެއަރޕޯޓްގައި ކުރިއަށްދިޔަ މި ޙަފްލާގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ފުރުޞަތު ދިން މުވައްޒަފުންނަށް ލިޔުން ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެޙްމާން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. މިއީ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސިލްސިލާކޮށް ދެމުން އަންނަ ޙައްޖު ދަތުރުތަކެކެވެ.
އެއަރޕޯޓްގައި ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ 11 މުވައްޒަފަކަށް، އަގު ވަޒަންކުރުމުގެ ގޮތުން، އެ މުވައްޒަފުންގެ ދަރިންނަށް މަތީ ތަޢުލީމަށް ކިޔެވުމަށް އެހީއެއްގެ ގޮތުން، ދިން އިންޓަރެސްޓް ފްރީ ލޯނަކީ އެ މުވައްޒަފުންގެ ޢާއިލާތަކަށް ދެއްވި ހަދިޔާއެއް ކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. މީގެ އިތުރުން ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުން ފުރުޞަތު ލިބުނު ފަރާތްތަކަށްވެސް ލިޔުން ދީފައިވެއެވެ.
ހަފްލާގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އެއަރޕޯޓްގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރައްވަމުންދާ މަސައްކަތް އެއަރޕޯޓްގެ މުވައްޒަފުން ބަލައިގަންނަ ކަމަށެވެ. އަދި އެއަރޕޯޓް މަޝްރޫއާ ގުޅިގެން އަލަށް އުފެދޭ ގިނަ ވަޒީފާތަކަށް ވަރަށް އަވަހަށް ފުރުޞަތު ހުޅުވާލާނެ ކަމަށްވެސް އާދިލް މޫސާ ވިދާޅުވިއެވެ.
މި ހަފްލާގައި އެއަރޕޯޓްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކޭކެއްވެސް ފަޅާފައިވެއެވެ. އަދި މުނިފޫހި ފިލުވުމުގެ ފޯރިގަދަ ހުށައެޅުންތަކެއްވެސް މި ހަފްލާގައި ހުށަހަޅާދީފައިވެއެވެ.