ޚަބަރު

ޢިމާރާތްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފި


އިމާރާތް ކުރުމުގެ ޤަވައިދާއި، ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޢިމާރާތްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މި ބިލުގައިވާގޮތުން ޤަވާއިދާއި ޚިލާފަށް ޢިމާރާތްކުރާ ފަރާތެއް 2500 ރުފިޔާއާއި 500،000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. 99 މާއްދާގެ މައްޗައް އެކުލަވާލާފައިވާ މި ބިލް ފާސްކުރައްވާފައިވަނީ 44 މެމްބަރުންގެ އިއްތިފާގުންނެވެ.

ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަކީ ޤާބިލު އަދި ފަންނުވެރި ބަޔަކަށް ހެއްދެވުމަށާއި، ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް އިސްކަން ދިނުމުގެ މަޤްޞަދުގައި ފާސްކުރެއްވި މި ބިލަކީ، ރާއްޖޭގައި ޢިމާރާތްކުރުމާބެހޭ އުޞޫލުތައް ބާޔާންކޮށް އެކުލަވާލެވޭ ފުރަތަމަ ޤާނޫނެވެ.

ޢިމާރާތްކުރުމުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، ޢިމާރާތްކުރުމުގެ މަސައްކަތަކީ، ރައްކާތެރި އުފެއްދުންތެރި އަދި ތިމާވެއްޓާ ރައްޓެހި މަސައްކަތަކަށް ހެއްދެވުމުގެ ބޭނުމުގައެވެ. މި ބިލުގައި، 7  މެމްބަރުންގެ މައްޗަށް އެކުލެވޭ މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން ބޯޑެއް އެކުލަވާލެއްވުމަށްވެސް ވަނީ ކަނޑައަޅުއްވާފައިވެއެވެ. އެއީ ހައުސިންގ މިނިސްޓަރ ކަނޑައަޅުއްވާ ދެ މެމްބަރުންނާއި، ޢިމާރާތްކުރުމުގެ ފަންނީ ލަފާދޭ ފަރާތްތައް ތަމްސީލްކުރާ ދެ މެމްބަރުންނާއި، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތައް ތަމްސީލްކުރާ ފަރާތަކާއި، އަދި އެލްޖީއޭއިން ކަނޑައަޅާ މެމްބަރެކެވެ.

މި ބިލް ތަސްދީޤްކުރައްވާ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މި ބޯޑް ހައުސިންގ މިނިސްޓްރީން އެކުލަވާލަންޖެހެއެވެ. މި ބިލުގައިވާގޮތުން ޢިމާރާތްކުރުމުގެ ހުއްދައެއް ނެތި އެއްވެސް ޢިމާރާތެއް ނުކުރެވޭނެއެވެ. އަދި އެފަދަ ކަމެއްކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް 2500 ރުފިޔާއާއި، 500،000 ރުފިޔާއާ ދެމެދު ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައިވެއެވެ. އަދި އެ މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދާ ކޮންމެ ދުވަހަކަށް ޖޫރިމަނާކުރި ޢަދަދުގެ %3 ޖޫރިމަނާއަށް އިތުރު ކުރެވޭނެކަމަށްވެސް ބިލުގައި ކަނޑައަޅުއްވާފައިވެއެވެ.

މި ބިލުގައިވާގޮތުން ވަކި އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ކަމާ ބެހޭ އިދާރާޔަކުން އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ލިޔުމުން ދޫކުރުމުގެ ކުރިން އިމާރާތް ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ. އަދި އެއާ ޚިލާފުވާ ފަރާތެއް 5000 ރުފިޔާއާ 1000،000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ބިލުގައިވެއެވެ. ނަމަވެސް ވަގުތީ ގޮތުން ދިރިއުޅުމުގެ ހުއްދައެއް ދޫކޮށްފައިވާ ނަމަ އިމާރާތް ބޭނުން ކުރެވިދާނެ ކަމަށްވެސް ބިލުގައިވޭ.

މި ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވިދާޅުވީ، ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ކުރިއަށްދާއިރު މިއީ މިވަގުތަށް މުހިންމު ޤާނޫނެއްކަމަށެވެ.

މި ބިލުގައި، ޢިމާރާތުގެ ކުރެހުން ފާސްކުރުމާއި ޢިމާރަތްކުރުމުގެ ހުއްދަ ބާތިލްކުރުމުގެ އުޞޫލްތަކެއްވެސް ކަނޑައަޅާފައިވެއެވެ. އަދި ނުރައްކަލެއް ދިމާވެދާނެ ފަދަ ބިމެއްގައި ޢިމާރާތްކުރުމުގެ ޙުއްދަ ނުދިނުމާއި، ޢިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބަލާ ފަރާތްތައް ޢައްޔަންކުރުމަށްވެސް މިބިލްގައި ކަނޑައަޅުއްވާފައިވެއެވެ. މީގެ އިތުރުން ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުންވެސް މި ޤާނޫނުގައި ލާޒިމްކޮށްފައިވެއެވެ.