ޚަބަރު

ޢިމާރާތްކުރުމުގެ ބިލުން އިޤްތިޞާދަށް މަންފާކުރާނެ- މުޢިއްޒު


ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޢިމާރާތްކުރުމުގެ ބިލުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށާއި، މި ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ކުރިއެރުމާއި، މަންފާ ލިބިގެންދާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު މިހެން ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖްގެ މަޝްރޫޢާ ގުޅުންހުރި ބައްދަލުވުންތަކެއްގައި ބައިވެރިވުމަށް ޗައިނާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން، ދެއްވި ބަސްދީގަތުމެއްގައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޢިމާރާތްކުރުމުގެ ބިލާބެހޭގޮތުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މި މަސައްކަތަކީ ވަރަށް ތާރީޙީ މަސައްކަތެއްކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅުންހުރި ވަރަށް މުހިންމު ބިލެއްކަމަށާއި، ރާއްޖޭގެ އިޤްތިސާދުގެ ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ސިނާއަތަކީ އިމާރާތްކުރުމުގެ ސިނާއަތްކަމުން މަޖިލީހުން ފާސްކުރެއްވި މި ބިލުގެ ސަބަބުން މި ސިނާއަތުގައި ހިމެނޭ ހުރިހާ ފަރާތްތައް ހިމާޔަތްކުރެވި ކުރިއެރުން ލިބުމަށް މަގުފަހިވެގެންދާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިބިލުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ވަރަށް ބޮޑުކުރިއެރުމަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ބިލް ތަންފީޒުކޮށް އަމަލުކުރުމަށް ހަމަސްދުވަސް ނަގާނެކަމަށެވެ. އަދި މި ހަ މަސްދުވަހުގެ ތެރޭގައި ހަދަން ޖެހޭ ބައެއް ޤަވާއިދުތައް ހަދާ ގެޒެޓްގައި ޝާޢިއު ކުރަމުންދާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިމާރާތްކުރުމުގެ ބިލަކީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަކީ ޤާބިލު އަދި ފަންނުވެރި ބަޔަކަށް ހެއްދެވުމަށާއި، ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް އިސްކަން ދިނުމުގެ މަޤްޞަދުގައި ފާސްކުރައްވާފައިވާ ބިލެކެވެ. މިއީ ރާއްޖޭގައި ޢިމާރާތްކުރުމާބެހޭ އުޞޫލުތައް ބާޔާންކޮށް އެކުލަވާލާފައިވާ ފުރަތަމަ ޤާނޫނެވެ.