ތަރައްްޤީ

ޤާސިމްގެ މައްޗަށް ކުރާ ދަޢުވާގެ ޝަރީއަތްތައް މާދަމާ ފަށަނީ


ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރައްވާ ތިން ދަޢުވާގެ ޝަރީޢަތްތައް މާދަމާ ފެށުމަށް ކުރިމިނަލްކޯޓުން ތާވަލްކުރައްވައިފިއެވެ.

ޤާސިމްގެ މައްޗަށް ދައުލަތުން ކުރައްވަނީ ރިޝްވަތު ހުށައަޅަން އުޅުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ވޯޓް ދޭންހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަތަކުގައި ގާސިމްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ކުރިމިނަލްކޯޓަށް ހުށައަޅުއްވާފައިވަނީ އިއްޔެއެވެ.

މި ތިން މައްސަލައިގެ ޝަރީއަތްތަށް މާދަމާ ހެދުނު 11:30 ގައި ފެށުމަށް ކުރިމިނަލްކޯޓުން ވަނީ ތާވަލްކުރައްވާފައެވެ.

ރިޝްވަތު ދޭން އުޅުމުގެ ކުށުގެ ދައުވާ ސާބިތިވެއްޖެނަމަ އެ ކުށަށް ދެވެނޭ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށްލުމެވެ. ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭކަމަކަށް ނުފޫޒު ފޯރުވުމާއި  ވޯޓް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުމެވެ.

މި ކުށްތައް ގާސިމް އިބްރާހިމްގެ މައްޗަށް ސާބިތުވެއްޖެނަމަ އެނާ ތަމްސީލުކުރައްވާ ރައްޔިތުން މަޖިލީހުގެ  މާމިގިލީ ދާއިރާގެ ގޮނޑި ގެއްލުމުގެ ފުރުސަތު އެބައޮތެވެ.