ޚަބަރު

އެލްޖީއޭއަށް ގެންނެވި އިސްލާޙަށް ޢުމަރު ތާޢީދުކުރައްވައިފި


ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް މެމްބަރުން ޢައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނެވި އިސްލާޙަކީ ހެޔޮ ބަދަލެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި އެލްޖީއޭގެ ކުރީގެ ރައީސް ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުށައެޅުއްވި އިސްލާހަށް ތާއީދުކުރައްވާ އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވަނީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރާއި ވަކިން އޮންނަ މުސްތަޤިލް މުއައްސާތަކެއް ނޫންކަމަށާއި އެއީ ސަރުކާރުގެ ބައެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަމަށެވެ. އަދި ލާމަރުކާޒީ ޤާނޫނުގެ ދަށުން އެކުލަވާލާ އެލްޖީއޭގެ ބޯޑް އައްޔަންކުރުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭގޮތަށް ޤާނޫނަށް ހުށައެޅުއްވި އިސްލާހަކީ ރަނގަޅު ބަދަލެއްކަމަށް އުމަރު ސިފަކުރައްވާފައިވެއެވެ.

އެލްޖީއޭގެ ބޯޑު އެކުލެވިފައިވާ ގޮތުން އެ ބޯޑުގައި މިހާރު ނުވަ މެމްބަރުން ތިއްބަވައެވެ. މި ނުވަ މެމްބަރުންގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި، މާލޭ ސިޓީ ކައުންސިލުން ޢައްޔަންކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްތަކުން އިންތިޚާބުކުރާ ހަތަރު މެމްބަރުންނާއި، މަދަނީ ޖަމްޢިއްޔާތަކުން ޢައްޔަންކުރާ މެމްބަރަކާއި، ޢާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅުއްވާ މެމްބަރަކާއި، އަތޮޅުތަކުގެ ސިޓީ ކައުންސިލުން ކަނޑައަޅުއްވާ މެމްބަރެއް ހިމެނެއެވެ.

އެލްޖީއޭގެ ބޯޑަށް ސަރުކާރުން ހުށައެޅުއްވި އިސްލާހުގައިވާ ގޮތުން އެ ބޯޑުގެ މެމްބަރުންގެ އަދަދު ފަހަކަށް ތިރިވެގެންދާނެއެވެ. އަދި މި 5 މެމްބަރުންގެ ތެރޭގައި ކައުންސިލްތައް ތަމްސީލުކުރުމަށް އެއްވެސް ކައުންސިލަރެއް ނުހިމެނޭނެއެވެ. އަލަށް އެކުލަވާލާ ބޯޑަށް ހުރިހާ މެމްބަރުންވެސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.