ޚަބަރު

އެލްޖީއޭ ބޯޑު މެމްބަރުން 9 އިން 5 އަށް މަދުކުރުމަށް ފާސްކޮށްފި


ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑު 5 މެމްބަރުންނަށް މަދުކޮށް، ކައުންސިލަރުން ނުހިމަނައި ބޯޑު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. 

މިގޮތަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބަވަނީ ކައުންސިލަރުން ތަމްސީލްކުރައްވާ މެމްބަރުންނާއިއެކު ނުވަ މެމްބަރުންނެވެ. ނަމަވެސް އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށައަޅުއްވާ މަޖިލީހުން ފާސްކުރެއްވި އިސްލާޙުގައި ވަނީ، އެލްޖީއޭގެ ބޯޑު ފަސް މެމްބަރުންނަށް ކުޑަކުރެއްވުމަށެވެ. އޭގެ ތެރޭގައި ކައުންސިލަރުން ހިމެނިވަޑައިނުގަންނަވައެވެ. 

އެ ފަސް މެމްބަރުންނަކީ، މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި، ޖެންޑަރ އިކުއިލީޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި، މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކާއި، ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރެއްގެ އިތުރަށް ޗީފް އެގްޒެކްޓިވް އޮފިސަރެކެވެ.

އެލްޖީއޭގެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ކަމަށްވެސް ފާސްކުރެއްވި އިޞްލާޙުގައިވެއެވެ. އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރާއި ޗީފް އެގްޒެކްޓިވް އޮފިސަރ ޢައްޔަން ކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާކަމަށާއި، ދެން ތިއްބަވާ ތިން މެމްބަރުން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުންކަމަށްވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނެވި އިސްލާޙުގައިވެއެވެ.