ވިޔަފާރި

ބޭރުގެ ބަޔާންތަކަށް ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ފާޑުކިޔައިފި


ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ކަމުގެ ހަޤީޤަތް ނުބަލައި ބޭރުގެ ބައެއް ޤައުމުތަކުން ބަޔާންތައް ނެރެމުންދާތީ، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއީލް އާސިފް ވިދާޅުވީ، ޞައްޙަ މައުލޫމާތު ނުހޯދައި، ރާއްޖޭގެ ސިޔާސީ މަޝްރަހާއި ބެހޭގޮތުން ބޭރުގެ ބައެއް ޤައުމުތަކުން ނެރެމުންދާ ބަޔާންތަކާއިމެދު އެޖަމިއްޔާއިން ކަންބޮޑުވާކަމަށެވެ. އާސިފް ވިދާޅުވީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީ ފައްކާވަމުން އައިސްފައިވަނީ އެއްވެސް ލޭ އޮހޮރުވުމެއްނެތި ވަރަށް ފުރިހަމަކޮށްކަމަށެވެ. އަދި ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމަށް އަދުގެ ސަރުކާރުން ކުރައްވާ މަސައްކަތަށް ބޭރުގެ ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އަދުގެ ސަރުކާރާއި ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އާސިފް ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކަށް ގޮވާލައްވާފައެވެ.

އިޤްތިޞާދީ ގޮތުން އިންގިލާބަކާއި ދިމާލަށް ރާއްޖެ ދަތުރުކުރަމުންދާ މިދުވަސްވަރު، ކަމުގެ ހަޤީޤަތް ނުބަލައި ރާއްޖެއާ ބެހޭގޮތުން ސިޔާސީ ވާހަކަތައް ނުފެތުރުމަށް ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.