ދުނިޔެ

ސަތޭކައެއްހާ ސިޔާސީ މީހުން ހިމެނޭ ކޮރަޕްޝަންގެ މައްސަލައެއް!


ބްރެޒިލުގެ ވަޒީރުންގެ މަޖިލީހުގެ 8 ވަޒީރެއް ހިމެނޭ ގޮތަށް، ސަތޭކައެއްހާ ސިޔާސީ މީހުންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކެއް ތަހުޤީޤްކުރުމަށް ބްރެޒިލްގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކު އަމުުރުކުރައްވައިފިއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު ނެރުއްވި 108 މީހުންގެ މައްޗަށް އެކުލެވޭ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ބްރެޒިލްގެ ވަޒީރުންގެ މަޖިލީހުގެ 8 ވަޒީރަކާއި، ކުރީގެ 4 ރައީސަކާއި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނެއެވެ. 

img:http://s3.psmnews.mv/images/660x400/14919838345423.jpg|ސިޔާސީ ފަރާތްތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުޤީޤްކުރުމަށް އަމުރުކުރެއްވި ސުޕްރީމްކޯޓުގެ ފަނޑިޔާރު

މިމީހުންގެ މައްޗަށް ތުހުމަތުކުރަނީ ކޮންސްޓްރަކްޝަން ކުންފުންޏަކަށް، ދައުލަތުގެ ތެޔޮ ކުންފުނީގެ މަޝްރޫޢުތައް ދިނުމަށް މަގުފަހިކުރުމަށްޓަކައި ރިޝްވަތު ނެގިކަމަށެވެ. ޚަބަރުތައް ބުނާގޮތުން ކޯޓުގައި ހެކި ބަސް ދިން އެކުންފުނީގެ 70 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ރިޝްވަތުގެ ގޮތުގައި ބިލިއަނެއްހާ ޑޮލަރު ސިޔާސީ ފަރާތްތަކަށް ބެހިކަމަށް އެއްބަސްވެފައެވެ. އަދި ރިޝްވަތުގެ ގޮތުގައި ދޭ ފައިސާ ގިނަކަމުން، އެފައިސާ ބެލެހެއްޓުމަށް ވަކި ޑިޕާޓްމަންޓެއް ސިޔާސީ ފަރާތްތަކުން އުފައްދާފައިވާކަމަށްވެސް ހެކި ބަސް ދިން ފަރާތްތަކުން ބުނެފައިވެއެވެ.

ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ބްރެޒިލްގެ ފޮރިން މިނިސްޓަރާއި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރާއި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ހިމެނެއެވެ. މީގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ރައީސުންވެސް ހިމެނެއެވެ. އަދި ބްރެޒިލްގެ ކުރީގެ ހަތަރު ރައީސެއްގެ ނަންފުޅުވެސް މިލިސްޓުގައި ހިމެނެއެވެ. މީގެ އިތުރުން އަންނަ އަހަރު އެޤައުމުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް ބެލެވިފައިވާ ބައެއް ފަރާތްތައްވެސް މިލިސްޓުގައި ހިމެނެއެވެ. 

img:http://s4.psmnews.mv/images/660x400/14919839039073.jpg|ބްރެޒިލްގެ ރައީސް (މެދުގައި) ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވާ ސަރުކާރުގެ ދެ ބޭފުޅަކާއެކު

ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ސިޔާސީ ފަރާތްތަކުގެ ލިސްޓު ޢާއްމުކުރުމާއެކު ބްރެޒިލްގެ މަގުތައް މައްޗަށް ޢާއްމުން ނިކުމެ، ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ވަނީ މުޒާހަރާކޮށްފައެވެ.

ބްރެޒިލްގެ ރައީސް މިޝެލް ޓިމަރ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލާގައި ދަޢުވާ ކުރާ ވަޒީރުން މަޤާމުން ސަސްޕެންޑް ކުރައްވާނޭކަމަށާއި އަދި ކުށް ސާބިތުވެއްޖެނަމަ މަޤާމުން ވަކިކުރައްވާނޭކަމަށެވެ. ނަމަވެސް ވަޒީރުންގެ މައްޗަށް ރަސްމީކޮށް ދަޢުވާ އުފުލުމަށް އެތަކެއް މަހެއް ނަގާނޭކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރައްވައެވެ.  

ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ބްރެޒިލްގައި ފެންމަތިވެފައި މިވަނީ، އެޤައުމުގެ ރައީސަކަށް ހުންނެވި ޑިލްމާ ރޫސެފް، ތެޔޮ ކުންފުނީގެ ކޮރަޕްޝަންގެ މައްސަލައެއްގައި މިދިޔަ އަހަރުގެ އޮގަސްޓްމަހު މަޤާމުން ވަކިކޮށްފައިވަނިކޮށެވެ.