ދުނިޔެ

އުތުރު ކޮރެޔާ މައްސަލައަށް ބޭނުންވަނީ ސުލްޙަވެރި ޙައްލެއް- ޗައިނާ


ކޮރެޔާން ޕެނިންސިއުލާގައި އުފެދިގެން އުޅޭ ނުތަނަވަސްކަމަށް ބޭނުންވަނީ ސުލްޙަވެރި ޙައްލެއްކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސް މިހެން ވިދާޅުވީ، އުތުރު ކޮރެޔާއާއި ސޫރިޔާގެ މައްސަލައާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވާ، ބޭއްވެވި މަޝްވަރާތަކެއްގައެވެ. އުތުރު ކޮރެޔާގެ މައްސަލަ ސުލްޙަވެރި ގޮތުގައި ޙައްލުކުރުމަށް ޗައިނާގެ ރައީސް އެދިވަޑައިގެންފައި މިވަނީ، އެމެރިކާގެ އަސްކަރީ މަނަވަރުތަކެއް އެސަރަޙައްދަށް މިސްރާބު ޖަހާފައިވަނިކޮށެވެ. 

ޓްރަމްޕާއެކު ފޯނުން ކުރެއްވި މަޝްވަރާތަކުގައި، ޗައިނާގެ ރައީސް ވިދާޅުވީ އެސަރަޙައްދަކީ ނިއުކްލިއަރގެ ނުރައްކަލުން ސަލާމަތްވެފައިވާ ސަރަޙައްދަކަށް ހެދުމަށް ޗައިނާއިން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ކޮރެޔާގެ މައްސަލަ ޙައްލުކުރުމަށްޓަކައި އެމެރިކާއާއެކު ވަރަށް ގާތުން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަންވެސް ޗައިނާގެ ރައީސް ހާމަކުރެއްވިއެވެ.

ކޮރެޔާ ސަރަޙައްދަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކެއް މިސްރާބު ޖަހާފައިވާއިރު، އެމެރިކާގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ނިއުކްލިއަރ ބޭނުންކުރާނެކަމުގެ އިންޒާރު ކޮރެޔާއިން ވަނީ ދީފައެވެ.