ކުޅިވަރު

ބޮމެއް ގޮވާ، ޑޯޓްމުންޑްގެ ޑިފެންޑަރ ބާރތްރާއަށް އަނިޔާވެއްޖެ


ބޮރޫޝިޔާ ޑޯޓްމުންޑްގެ ޓީމް ދަތުރުކުރަމުންދިޔަ ބަހުގެ ކައިރީގައި ނުރައްކާތެރި ގޮވުމެއް ގޮވައި އެޓީމްގެ ޑިފެންޑާރ މާރކް ބާރތްރާއަށް އަނިޔާވެއްޖެއެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލްގައި ވާދަކުރަން ތައްޔާރުވަމުންދިޔަ ޑޯޓްމުންޑް ޓީމް ދަތުރުކުރަން ތައްޔާރުކޮށްފައި އޮތް ބަހުގެ ކައިރީގައި އެއްފަހަރާ ތިން ގޮވުމެއްވަނީ ގޮވާފައެވެ. އަދި މި ގޮވުމުގެ ސަބަބުން އެޓީމްގެ ޑިފެންޑާރ ބާރތްރާގެ އަތުގެ ކުޑަހުޅަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. 

ރޭގެ ގޮވުމުގެ ސަބަބުން ޑޯޓްމުންޑާއި މޮނާކޯ ވާދަކުރަން އޮތް ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލް މެޗްވަނީ މިރެއަށް ފަސްކޮށްފައެވެ. 

ޖަރުމަންގެ ފުލުހުން ހާމަކުރާ ގޮތުގައި ގޮވާފައިވަނީ މަގުގެ ދެ ފަރާތުގައި ހުރި ގަސްތަކުގެ ތެރޭގައި ފޮރުވާފައި ހުރި ގޮވާ ތަކެތިކަމަށާއި، ހާދިސާ އިތުރަށް ތަޙުގީގުކުރަމުންދާކަމަށެވެ. 

"އަދި ގޮވަން ބޭނުންކުރި އެއްޗެއް ޔަގީންކަމާއިއެކު ސާފެއް ނުވޭ، އެކަމަކު ވަރަށް ނުރައްކާތެރި އެއްޗެއް މިއީ، އަހަރުމެން އިތުރަށް ތަޙުގީގުކުރަމުން މިދަނީ" ފުލުހުން ފާހަގަކުރިއެވެ.

މި ހާދިސާއާއި ގުޅިގެން ދުނިޔޭގެ އެކި ފަރާތްތަކުން އަންނަނީ ޑޯޓްމުންޑްގެ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން މެސެޖުތައް ފޮނުވަމުންނެވެ. އެގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންތީނޯވަނީ ޑޯޓްމުންޑް މެޗް ލަސްކުރުމަށް ނިންމި ނިންމުމަށް ތާއީދުކޮށް އެޓީމްގެ ކުޅުންތެރިން މި ދަނޑިވަޅުގައި ހިތްވަރުކުރުމަށް ގޮވާލާފައެވެ.

"ހުރިހާ ކުޅުންތެރިންވެސް މިވަގުތު ވަރަށް ހިތްވަރުކުރާނެކަމަށް އުއްމީދުކުރަން، މިއީ މުޅި ފުޓްބޯޅައަށް ލިބުނު ހިތާމަވެރި ދުވަހެއް" އިންފަންތީނޯ ވިދާޅުވިއެވެ.