ޚަބަރު

ޢިމާރާތްކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި


ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަކީ ޤާބިލު އަދި ފަންނުވެރި ބަޔަކަށް ހެއްދެވުމަށާއި، ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް އިސްކަން ދިނުމުގެ މަޤްޞަދުގައި ޢިމާރާތްކުރުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. 

މިއީ ރާއްޖޭގައި ޢިމާރާތްކުރުމާބެހޭ އުޞޫލުތައް ބާޔާންކޮށް އެކުލަވާލެވޭ ފުރަތަމަ ޤާނޫނުނެވެ. ޢިމާރާތްކުރުމުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، ޢިމާރާތްކުރުމުގެ މަސައްކަތަކީ، ރައްކާތެރި އުފެއްދުންތެރި އަދި ތިމާވެއްޓާ ރައްޓެހި މަސައްކަތަކަށް ހެއްދެވުމުގެ ބޭނުމުގައެވެ. އަދި ޢިމާރާތްކުރުމުގެ މަސައްކަތުގައި ޙަރަކާތްރެރިވާ ފަރާތްތަކަކީ ޤާބިލު، ފަންނުވެރި ބަޔަކަށް ހައްދަވައި ޢިމާރާތްކުރުމުގެ ސިނާޢަތު ތަރައްޤީކުރެއްވުންކަމަށް ބިލުގެ މަޤްޞަދުގައިވެއެވެ. މި ބިލް މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީއެވެ.

img:http://s2.psmnews.mv/images/660x400/14799115657406.jpg|މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ - ޢިމާރާތްކުރުމާއި ބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ

ސަރުކާރުގެ ފަރާތުން ހުށައެޅުއްވި މި ބިލްގައި، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން ބޯޑެއް އެކުލަވާލެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ހައުސިންގ މިނިސްޓަރ ކަނޑައަޅުއްވާ ދެ މެމްބަރުންނާއި، ޢިމާރާތްކުރުމުގެ ފަންނީ ލަފާދޭ ފަރާތްތައް ތަމްސީލްކުރާ ދެ މެމްބަރުންނާއި، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތައް ތަމްސީލްކުރާ ފަރާތަކާއި، އަދި އެލްޖީއޭއިން ކަނޑައަޅާ މެމްބަރެކެވެ. 

މި ޤާނޫނު ފާސްވާތާ ހަމަސް ދުވަހުގެ ތެރޭގައި މި ބޯޑް ހައުސިންގ މިނިސްޓްރީން އުފައްދަވަންޖެހެއެވެ. އަދި މެމްބަރުންނަށް ގިނަ މަސްއޫލިއްޔަތުތަކެއް މި ބިލްގައި ޙަވާލުކުރައްވާފައިވެއެވެ. މި ބިލްގައިވާ ގޮތުން ޢިމާރާތްކުރުމުގެ އެއްވެސް ހުއްދައެއް ނެތި އެއްވެސް ޢިމާރާތެއް ނުކުރެވޭނެއެވެ. އަދި އެފަދަ ކަމެއްކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް ފަންސާސް ހާސް ރުފިޔާއާއި، އެއް މިލިއަން ރުފިޔާއާ ދެމެދު ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައިވެއެވެ. އަދި އެ މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދާ ކޮންމެ ދުވަހަކަށް ޖޫރިމަނާކުރި ޢަދަދުގެ ތިނެއް އިންސައްތަ ޖޫރިމަނާކުރެވޭނެކަމަށް ބިލްގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ޢިމާރާތުގެ ކުރެހުން ފާސްކުރުމާއި ޢިމާރަތްކުރުމުގެ ހުއްދަ ބާތިލްކުރުމުގެ އުޞޫލްތަކެއް ކަނޑައަޅާފައިވެއެވެ. އަދި ނުރައްކަލެއް ދިމާވެދާނެ ފަދަ ބިމެއްގައި ޢިމާރާތްކުރުމުގެ ޙުއްދަ ނުދިނުމާއި، ޢިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބަލާ ފަރާތްތައް ޢައްޔަންކުރުމަށްވެސް މިބިލްގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުންވެސް މި ޤާނޫނުގައި ލާޒިމްކޮށްފައިވެއެވެ.