ޚަބަރު

ފެބްރުއަރީމަހު ޖެންޑަރ މިނިސްޓްރީއަށް 240 މައްސަލަ!


މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއިން ޢާންމުކުރެއްވި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު 240 މައްސަލަ ހުށައެޅިފައިވާއިރު ޖެނުއަރީމަހު އެ މިނިސްޓްރީއަށް ހުށައެޅުނީ 256 މައްސަލައެވެ. ފެބްރުއަރީ މަހު ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް އެންމެ ގިނައިން ހުށައަޅާފައިވާއިރު ޖެނުއަރީމަހު އެންމެ ގިނައިން އެމިނިސްޓްރީއަށް ހުށައެޅުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ. 

ފެބްރުއަރީމަހު ޖިސްމާނީ އަނިޔާގެ ބައްތިރީސް މައްސަލަ ހުޅައަޅާފައިވާއިރު، ދެން އެންމެ ގިނައިން ހުށައަޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ފެބްރުއަރީމަހު ތިރީސް މައްސަލަ ހުށައަޅާފައިވެއެވެ. މިއީ ޖެނުއަރީ މަހާ އަޅާބަލާއިރު ހަތަރު މައްސަލަ މަދު އަދަދެކެވެ. މީގެއިތުރުން ކުދިންނަށް އިހުމާލުވުމުގެ ތިރީސް މައްސަލަވެސް ވަނީ ހުށައަޅާފައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ އެގާރަ މައްސަލައެއް ހުށައަޅާފައިވެއެވެ. އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގެ ތެރެއިން، ޖިސްމާނީ ގޮތުން ގެއްލުން ދިނުމުގެ ހަތް މައްސަލައެއް ހުށައަޅާފައިވާއިރު، ޖިންސީ އަނިޔާގެ ދެމައްސަލަ ވަނީ ހުށައަޅާފައެވެ.  

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ޢާންމުން ހޭލުންތެރިކުރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި ހުރިކަން ފާހަގަކުރައްވައި މިފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް ކަމާ ގުޅޭ ހުރިހާ ދާއިރާތަކެއް ގުޅިވަޑައިގެން ވަރުގަދަ ޤައުމީ ކެމްޕެއިނެއް ފެށްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.