ދުނިޔެ

އެމެރިކާގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ނީލް ގޯސިޗް !


އެމެރިކާގެ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ނީލް ގޯސިޗް ކުރައްވައިފިއެވެ.

އުމުރުފުޅުން 49 އަހަރުގެ ނީލް ގޯސިޗް، އެމެރިކާގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމަށް ވައިޓް ހައުސްގައި ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، ސުޕްރީމް ކޯޓުގައިވެސް އޭނާ ހުވާކުރެއްވުމަށް ރަސްމިއްޔާތެއް ބޭއްވެވިއެވެ. 

އެމެރިކާގެ ސެނެޓުން ނީލް ގޯސިޗަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އޭނާއަށް 54 ވޯޓް ލިބިވަޑައިގަތްއިރު، އޭނާއާ ދެކޮޅަށް ސެނެޓުގެ 45 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ އަޤުލަބިއްޔަތު އޮންނަ ސެނެޓުގައި ނެގި ވޯޓުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ތިން މެމްބަރަކުވެސް ނީލް ގޯސިޗަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14919083149825.jpg|ވައިޓް ހައުސްގައި ބޭއްވެވި ރަސްމިއްޔާތުގައި، ނީލް ގޯސިޗް މަޤާމުގެ ހުވާ ކުރައްވަނީ / އެމަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ 14 މަސް ދުވަހަށް ފަހު

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ފިއްތުންތަކާއެކުވެސް އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ނީލް ގޯސިޗް ގެނެވުންވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ވިހިވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތް ޓްރަމްޕަށް މިހާތަނަށް ލިބިވަޑައިގަތް އެންމެ ބޮޑު ކާމިޔާބީއަށެވެ.

އުއްތަމަ ފަނޑިޔާރާއެކު 9 ފަނޑިޔާރުން ތިއްބަވާ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ނީލް ގޯސިޗް ޢަންޔަންކޮށްފައި މިވަނީ އެކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަންތޮނިން ސްކަލިއާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތޭރަވަނަ ދުވަހު އަވަހާރަވެ، އެމަޤާމަށް ޢައްޔަން ކުރާނެ ބޭފުޅަކާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ޙިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ.

img:http://s2.psmnews.mv/images/660x400/14919084286338.jpg|އެމެރިކާގެ ސުޕްރީމް ކޯޓު / އުއްތަމަ ފަނޑިޔާރާއެކު 9 ފަނޑިޔާރަކު ކޯޓުގައި ތިއްބަވާ

އެމެރިކާގެ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ މަޤާމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ބޭފުޅަކު ޢައްޔަން ކުރައްވަން އުޅުއްވުމުން ސެނެޓުގައި ތިއްބެވި ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ އޭރު އެކަމަށް ހުރަސްއަޅުއްވާފައެވެ. ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ސުޕްރީމް ކޯޓަށް އައްޔަންކުރައްވާނެ ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުއްވަންވާނީ އައު ރައީސް މަޤާމުގެ ހުވާ ކުރެއްވުމަށްފަހުކަމަށެވެ. ނީލް ގޯސިޗް އެމެރިކާގެ ސުޕްރީމް ކޯޓަށް ޢައްޔަން ކުރެއްވުމަށް ސެނެޓުން ރުހުން ދީފައިވަނީ 14 މަސް ދުވަސް ވަންދެން އެކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ހުސްކޮށް ބޭއްވުމަށްފަހުއެވެ.

މިއީ ފާއިތުވި 150 އަހަރުގެ ތެރޭގައި އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމެއް މިހާ ދިގު މުއްދަތަކަށް ހުސްކޮށް އޮތް ފުރަތަމަ ފަހަރެވެ.