ކުޅިވަރު

ބާސާ މިހާރު ކުރިއަށްވުރެ ބަލި - ލިއަނާޑޯ ބޮނުއްޗީ


މީގެ ދެއަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ތިނެއް އެކަކުން ޔުވެންޓަސް ބަލިކޮށް، ތަށި އުފުލާލި ބާސެލޯނާ ޓީމާ އަޅާ ބަލާއިރު މިހާރު ބާސެލޯނާ ޓީމު ދަށް ވެފައިވާކަމަށް ޔުވެންޓަސްގެ ތަޖްރިބާކާރު ޑިފެންޑަރ ލިއަނާޑޯ ބޮނުއްޗީ ބުނެފިއެވެ. 

މިރޭ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ބާސެލޯނާ އާއި ޔުވެންޓަސް ބައްދަލުކުރާ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ބޮނުއްޗީ ބުނީ އޭރުގެ ޓީމުގައި ތިބި ބައެއް ކުޅުންތެރިން މިހާރު ތަޖުރިބާ އާއި އެކުގައި ކުޅުމުގެ ސަބަބުން އިތުރު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެހެންނަމަވެސް މުޅި ޓީމަށް ބަލާއިރު މިހާރު ބާސެލޯނާ ކުރިއަށްވުރެ ދަށްކަމަށެވެ.

ބޮނުއްޗީ އިތުރަށް ބުނީ ޔުވެންޓަސް ޓީމުގެ މެދުތެރޭގައި އޭރު އުޅުނު މުހިންމު ކުޅުންތެރިންތައް ނެތްނަމަސް ޔުވެންޓަސް މިހާރު އިތުރަށް ވަރުގަދަ ވެފައިވާކަމަށެވެ. 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބާސެލޯނާ އާއި ދެކޮޅަށް ޔުވެންޓަސް ނިކުތް އިރު އެޓީމުގެ މެދުތެރެ ބަލަހައްޓަމުން ދިޔައީ އާތޫރޯ ވިދާލް އާއި ޕައުލް ޕޮގްބާ އަދި އަންދްރޭ ޕިރްލޯއެވެ. މިތިން ކުޅުންތެރިންވެސް މިހާރު ވަނީ ޔުވެންޓަސް ދޫކޮށް އެހެންޓީމުތަކަށް ބަދަލުވެފައެވެ. މިކުޅުންތެރިންގެ ބަދަލުގައި ޔުވެންޓަސް ވަނީ ކެދީރާ އާއި ޕްޔަނިޗް ފަދަ ކުޅުންތެރިން ގެނަސްފައެވެ. މީގެ އިތުރުން އިޓަލީގެ ރެކޯޑް އަގެއްގައި އެޓީމަށް އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއެއިންވެސް ވަނީ ބަދަލުވެފައެވެ. މިކުޅުންތެރިން ޔުވެންޓަސްއިން ހޯދާފައިވަނީވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ޔުވެންޓަސް ޓީމުގައި މިހާރު ހުރި އެންމެ ތަފާތު އެއް ކުޅުންތެރިއަކީ އާޖެންޓީނާގެ ޒުވާން ފޯވާޑް ޕައުލޯ ޑިބާލާއެވެ. މިރޭގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޑިބާލާ ބުނީ ޔުވެންޓަސްއަށް މިހާރު ބާސެލޯނާ ބަލިކުރެވިދާނެ ކަމަށެވެ.

ބާސެލޯނާ ޓީމަށް ބަލާލާއިރު އެޓީމުގެ މެދުތެރޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިއާ ސާޖިއޯ ބުސްކެޓްއަށް ސަސްޕެންޝަންގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. ބުސްކެޓްގެ އިތުރުން، އަނިޔާގެ ސަބަބުން އާދާ ތުރާން އާއި ޒުވާން މިޑްފިލްޑަރ ރަފިންޔާއަށްވެސް މެޗުގައި ނުކުޅެވޭނެއެވެ.

މިރޭގެ މެޗަށް ނިކުންނަ އިރު ޔުވެންޓަސްއަށް ލިބިގެންދާ އެންމެ ބޮޑު އެޑްވާންޓޭޖަކީ މިމެޗުގ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅެންޖެހުމެވެ. ޔުވެންޓަސްއަކީ އަމިއްލަ ދަނޑުގައި ބަލިކުރަން އުނދަގޫ ޓީމެއްކަށް އެޓީމް ވަނީ ސާބިތުކޮށްދީފައެވެ. އެންމެ ފަހުން އެޓީމް އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން ބަލިވެފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

2015 ވަނަ އަހަރުގެ ފައިނަލުގައި ބާސެލޯނާ އަތުން ބަލިވި މެޗަށްފަހު، މިރޭގެ މެޗަށް ޔުވެންޓަސް ނިކުންނާނީ އޭގެ ބަދަލުހިފާ ބާސެލޯނާ މުބާރާތުން ކަޓުވާލުމުގެ އަޒުމުގައެވެ. މިމެޗު ވެގެންދާނީ ޔޫރަޕްގެ ވަރުގަދަ ދެބާރުގެ ކުރިމަތިލުމަކަށެވެ. އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ ކަމަށް ދެޓީމުގެ ކުޅުންތެރިންވެސް ވަނީ ބުނެފައެވެ.

ޗެމްޕެއިންސް ލީގުގެ ސެމީފައިނަލްގެ ޖާގައެއް ހޯދުމަށް ކުރާ މަސައްކަތުގައި ކުރި ހޯދުމަށް ބާސެލޯނާ އާއި ޔުވެންޓަސް މިވަނީ ތައްޔާރުވެފައެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 11:45 ގައެވެ.