ޚަބަރު

އައު ޓަރމިނަލްގެ ޖެޓީއަށް ބޭނުންވާ ބިން ހިއްކަން ފަށަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ ޖެޓީ ސަރަޙައްދަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެކަމަށް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ. 

އައު ޓަރމިނަލްގެ ޖެޓީތައް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުލޭ ބަނދަރުގެ ހުޅަނގުކޮޅުގައެވެ. އެގޮތުން އެސަރަޙައްދުން ހަ ހާސް ފަސް ސަތޭކަ އަކަމީޓަރުގެ ސަރަޙައްދެއް ހިއްކުމަށް ހަމެޖެހިފައިވާ ކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. މި ހަފްތާއިން ފެށިގެން އެ ސަރަޙައްދަށް ވެލި އަޅަމުން ގެންދާނެ ކަމަށާއި، ވީމާ މި ސަރަޙައްދުން އުޅަނދު ފަހަރު ވަދެ ނިކުތުމުގަޔާއި، ނެރު ބޭނުންކުރުމުގައި ސަމާލުކަން ދެއްވުމަށް އެއަރޕޯޓްސް ކޮމްޕެނީން އިލްތިމާސްކުރެއެވެ. އަދި މި ސަރަޙައްދުގައި އުޅަނދުފަހަރު އަޅާފައި ނުބޭއްވުމަށްވެސް އެމް.އޭ.ސީ.އެލުން އިލްތިމާސްކުރެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ހުޅުލޭގެ އެކި ދިމާލުން ބިން ހިއްކާފައިވާއިރު، މިހާތަނަށް ހިއްކާފައިވާ ބިމާއެކު، ތިރީސް އިންސައްތަ ޖާގަ އިތުރުކުރެވިފައިވެއެވެ. ރަންވޭ ހެދުމަށް ހުޅުލޭގެ އުތުރު ފަރާތުން އެކަނިވެސް 62 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އަދި އިންޓަރނޭޝަނަލް ޓަރމިނަލްގެ ދެކުނު ކޮޅުގައި، އައު ޓަރމިނަލް އަޅާ ސަރަޙައްދުވެސް ވަނީ ހިއްކާފައެވެ. 

ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ގަލްފް ކޮބްލާ" އާ ޙަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު އެންމެ ބާރާށް ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަކީ 2 ފިޔަވައްސަކަށް ބަހާލައިގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3400 މީޓަރު ދިގު، އަދި 65 މީޓަރު ފުޅާ އައު ރަންވޭއެއް އެއަރޕޯޓްގައި ހެދުމަށް ނިންމާފައިވެއެވެ. އަދި ދެވަނަ ފިޔަވަހީގައި އައު އިންޓަރނޭޝަނަލް ޓަރމިނަލަކާއި ތެޔޮ ރައްކާ ކުރާ ތަނަކާއި ކާގޯ ކޮމްޕްލެކްސް ހިމެނެއެވެ.

ގާތްގަނޑަކަށް 800 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރައްވައިގެން ސަރުކާރުން ކުރިއަށް ގެންދަވާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހިންގަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާ ޙަވާލުކޮށްގެނެވެ.