ޚަބަރު

ކާރިޘީ ހިރާސް ކުޑަކުރުމުގެ ތަމްރީން ޕްރޮގްރާމެއް ކެލާގައި


ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ތިލަދުންމަތީ އުތުރުބުރި ކެލާ ކައުންސިލްގެ އިދާރާ ގުޅިގެން ކާރިޘީ ހިރާސް ކުޑަކުރުމުގެ ތަމްރީން ޕްރޮގްރާމެއް ކެލާގައި ފަށްޓަވައިފިއެވެ.

މި ޕްރޮގްރާމަކީ ދިމާވެދާނެ ކާރިޘާއެއްގެ ސަބަބުން ކުރިމަތިވެދާނެކަންކަން ރަށުފެންވަރުގައި ބަލަހައްޓާނެ ނިޒާމެއް ޤާއިމް ކުރުމާއި، ކާރިޘާގެ ކަންކަން ބެލެހެއްޓުމުގެ ފަންނީ ޤާބިލްކަން ރަށުފެންވަރުގައި އިތުރުކުރުމާއި، ކާރިޘާގެ ކަންކަން ބެލެހެއްޓުމުގައި ރަށުގެ ރައްޔިތުންނާއި މުއައްސަސާތައް ބާރުވެރިކޮށް ޒިންމާދާރު ކުރުވުމާއި، ރަށުފެންވަރުގައި ކާރިޘާގެ ކަންކަން ބަލަހައްޓާނެ ގޮތްތައް ކަނޑައަޅައި ޕްލޭން އެކުލަވާލުމަށް ކުރިޔަށްގެންދަވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ހަދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި އެރަށުގެ އެކި މުއައްސަސާތަކުން 26 މީހަކު ބައިވެރިވެފައިވެއެވެ. މިތަމްރީން ޕްރޮގްރާމްގައި ރަށު ފެންވަރުގައި ފަންނީ ގާބިލްކަން އިތުރުކުރުމާއި، ކާރިޘީ ހިރާސް ކުޑަކުރާނެ ގޮތްތަކާއި، ރަށުގައި ހުރި ނާޒުކުކަންކަމާއި، ރައްކާތެރިކަމާއި ޤާބިލިއްޔަތުކަން ދެނެގަނެ ކާރިޘާއެއް ދިމާވެއްޖެނަމަ ކަންކުރާނެ އުސޫލުތައް ކަޑައެޅި، ރަށުގެ "ކާރިޘީ ހިރާސް ކުޑަކުރުމުގެ ޕްލޭން" އެކުލަވާލެވޭނެކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ.