ތަރައްްޤީ

ފީވަކުގައި ބިނާކުރައްވާ މިސްކިތުގެ %95 މަސައްކަތް ނިމިއްޖެ


ސަރުކާރުން ށ.ފީވަކުގައި ބިނާކުރައްވާ މިސްކިތުގެ މަސައްކަތް މިމަހު ނިމޭނެކަމަށް އެމަޝްރޫޢުގެ ކޮންޓްރެކްޓަރ ވިމްލާ ކޮންސްޓްރެކްޝަނުން ބުނެފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ބާރުސްޕީޑެއްގައި ކުރިއަށްދާއިރު، މިހާތަނަށް މިސްކިތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވިމްލާ ކޮންސްޓްރެކްޝަނުން މަޢުލޫމާތުދެއެވެ. ވިމްލާ ކޮންސްޓްރެކްޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު ވިދާޅުވީ، މިސްކިތުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމުމަށްފަހު އިސްލާމިކް މިނިސްޓްރީއާ ޙަވާލުކުރާނެކަމަށެވެ. ރަޝީދު ވިދާޅުވީ، މިސްކިތުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތަކާއި، ކަރަންޓް ވައިރިން އަދި ސައުންޑް ސިސްޓަމް ހަރުކުރުމުގެ މަސައްކަތްކަމަށެވެ. މީގެ މީގެއިތުރުން މުންނާރުގެ ގުއްބުގެ ބައިތައްވެސް މިމަހު ރާއްޖެ ގެނެވޭނެ ކަމަށް ވިމްލާއިން ބުނެއެވެ.

ފީވަކުގައި ބިނާކުރައްވާ މިސްކިތަކީ، 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވައިގެން ސަރުކާރުން ބިނާކުރައްވާ މިސްކިތެކެވެ. މިއީ، 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދަވާ މިސްކިތް ބިނާކުރެއްވުމުގެ މަޝްރޫޢުގެ ތެރެއިން ރަމަޟާންމަހުގެ ކުރިން 19 މިސްކިތެއް ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.