ކުޅިވަރު

ގާޑިއޯލާގެ ތަޢުރީފް ބްރާވޯ އަދި އަގުއޭރޯއަށް


ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރަކީ މެންޗެސްޓާރ ސިޓީގެ ގޯލްކީޕަރ ކްލޯޑިއޯ ބްރާވޯކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ. 

ގާޑިއޯލާ ފާހަގަކުރެވިގެންދަނީ އަބަދުވެސް އޭނާ ކްލަބަށް ގެންނަ ކުޅުންތެރިންނަށް ތަޢުރީފްކުރާ ކޯޗެއްގެ ގޮތުގައެވެ. 

ސިޓީގެ ކުރީގެ އެއް ނަންބަރު ކީޕަރ ޖޯ ހާޓްގެ ބަދަލްގައި ބްރާވޯ އެޓީމާއި ގުޅުނު ފަހުން ތަފާތު މޮޅު ކުޅުމެއް ނުދެއްކޭތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އޭނާއަށް އަމާޒުވަމުންނެވެ. ފަހަކަށްއައިސް ބްރާވޯއަށް ފުރަތަމަ އެގާރައިން ޖާގަ ނުލިބޭކަންވެސް ފާހަގަކޮށްލެވެއެވެ. 

އެންމެ ފަހުން ލީގުގައި ސިޓީ ކުޅުނު މެޗުގައި ބްރާވޯއަށް ފުރުސަތު ދިނުމަށްފަހު ގާޑިއޯލާ ބުނީ ބްރާވޯ ފެންވަރުގެ ކީޕަރެއް ދުނިޔޭގައި ނެތްކަމަށެވެ. އޭނާ ޓީމް ލައްވާ ކުޅުވަން ބޭނުންވާ "ބިލްޑްއަޕް" ގޭމަށް އެންމެ ބޮޑަށް ފިޓްވާ ކީޕަރަކީ ބްރާވޯކަމަށެވެ. ބްރާވޯއާއި ވާދަކޮށްލެވޭ އަނެއް ދެ ކީޕަރުންނަކީ ބާސެލޯނާގެ ޓަރސްޓެގަން އަދި ބަޔާންގެ ނޯޔާކަމަށްވެސް ގާޑިއޯލާ ބުންޏެވެ. 

"ބްރާވޯއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކީޕަރ، އަހަރެން ކުޅުވަން ބޭނުންވާ ބިލްޑް އަޕް ގޭމަށް އެންމެ ފިޓްވަނީ ބްރާވޯ" ގާޑިއޯލާ ބުންޏެވެ. 

ބްރާވޯގެ އިތުރުން މެންޗެސްޓާރ ސިޓީގެ ފޯވާޑް އަގުއޭރޯއަށްވެސް ތަޢުރީފްކޮށް ގާޑިއޯލާވަނީ ވާހަކަދައްކާފައެވެ. ކުރިން ބާސެލޯނާ އަދި ބަޔާން މިޔުނިކަށް އިރުޝާދުދިން ކޯޗް ބުނީ ފާއިތުވެދިޔަ ދެ މަސްދުވަހު އަގުއޭރޯ ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށާއި، އޭނާގެ ކުޅުމާއިމެދު ބުނާނެ އެއްވެސް އެއްޗެއް ނެތްކަމަށެވެ. ފޯވާޑެއްގެ ކިބައިން ޓީމް ބޭނުންވާނީ ލަނޑު ޖެހުންކަމަށާއި، ކޮންމެ މެޗެއްގައިވެސް އަގުއޭރޯ ލަނޑު ޖަހާތީ ހިތްހަމަޖެހިގެން ހުރިކަމަށް ގާޑިއޯލާ ބުންޏެވެ. 

"އަގުއޭރޯއާއި މެދު އެއްވެސް ޝަކުވާއެއް ނެތް، ފާއިތުވެދިޔަ ދެ މަހު އޭނާ ބޮޑު ކުރިއެރުމެއްވަނީ ހޯދާފައި" ސިޓީގެ ކޯޗްކަމާ މިއަހަރު ހަވާލުވި ޕެޕް ގާޑިއޯލާ ބުންޏެވެ. 

އަގުއޭރޯ ވަނީ އެންމެ ފަހުން ސިޓީއަށް ކުޅެދިން 10 މެޗުގައި 10 ލަނޑު ޖަހާދީފައެވެ.