ކުޅިވަރު

ޗެމްބަލައިން ވިއްކާނުލާން ވެންގަރ ގޮވާލައިފި


މިޑްފިލްޑަރ އެލެކްސް އޮކްސްލޭޑް ޗެމްބަލައިން ވިއްކާނުލުމަށް އާސެނަލްގެ ކޯޗް އާސެން ވެންގަރ ގޮވާލައިފިއެވެ. 

މިދިޔަ ދެ ސީޒަންގައިވެސް ޓީމްގެ ފުރަތަމަ އެގާރައިން މާ ގިނަ ފުރުސަތުތަކެއް ލިބިފައިނުވާތީ ޗެމްބަލައިން އާސެނަލް ދޫކޮށްލާނެކަމަށް ވަނީ ބެލެވިފައެވެ. އޭނާ ހޯދުމަށް ޕްރިމިއަރ ލީގުގެ ބައެއް ކްލަބްތަކުން މަސައްކަތްކުރާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

މިކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން އާސެނަލްގެ ކޯޗް އާސެން ވެންގަރ ބުނީ ޗެމްބަލައިން އަކީ ފުޓްބޯޅައިގެ ސިކުނޑިއެއް ހުރި ވިސްނުންތޫނު ކުޅުންތެރިއެއްކަމަށެވެ. ޒުވާން އުމުރުގައި އާސެނަލްއާއި ގުޅި ޗެމްބަލައިން މިހާރުވަނީ ފުރިހަމަ ކުޅުންތެރިއަކަށް ވެފައިކަމަށާއި، އޭނާ ކްލަބް ދޫކޮށްލުމަކީ އާސެނަލްއަށް ލިބޭނެ ބޮޑު ގެއްލުމެއްކަމަށް ވެންގާ ބުންޏެވެ. 

އިނގިރޭސި ކްލަބް ސައުތަމްޓަނުން ޗެމްބަލައިން އާސެނަލްއާއި ގުޅުނީ 2011 ވަނަ އަހަރުއެވެ. 

ވެންގަރ ބުނީ އާސެނަލްގައިތިބީ ގިނަ މަޤާމްތަކަކަށް އެއް ފެންވަރެއްގައި ކުޅެވޭ މަދު ކުޅުންތެރިންތަކެއްކަމަށާއި، ޗެމްބަލައިންއަކީ އެފަދަ ކުޅުންތެރިއެއްކަމަށެވެ. އަދި ޗެމްބަލައިންއަކީ އާސެނަލްގެ މުސްތަޤްބަލްކަމަށްވެސް ވެންގަރ ބުންޏެވެ. 

"އާސެނަލުން ޗެމްބަލައިން ގަތީ އޭނާގެ ޅަ އުމުރުގައި، އާސެނަލްގައި އޭނާ ފުރިހަމަ ކުޅުންތެރިއަކަށްވީ، ޗެމްބަލައިން ގެއްލުމަކީ އާސެނަލްއަށް ލިބޭނެ ބޮޑު ގެއްލުމެއް" ވެންގަރ ބުންޏެވެ.

ޗެމްބަލައިންގެ އިތުރުން މެސުތް އޮޒިލް، އާރޮން ރަމްސޭ އަދި އެލެކްސިސް ސަންޗޭޒްގެ ކޮންޓްރެކްޓް އާ ކުރަން ވެންގަރ ވަނީ އާސެނަލްގެ މެނޭޖްމަންޓަށް ގޮވާލާފައެވެ.