ސިޔާސީ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން އަނެއްކާވެސް ގޮވާލައިފި


ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ސިޔާސީ އެކިފިކުރުގެ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯއްދެވުމަށްޓަކައި، ސަރުކާރުން ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އެއްބާރުލުންދިނުމަށް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް އަނެއްކާވެސް ގޮވާލައްވައިފިއެވެ.

ޕާޓީތަކާއި ސިޔާސީ ފަރާތްތަކަށް އަބަދުވެސް މަޝްވަރާގެ ދޮރު ހުޅުވިފައިވާކަމަށާ، ސަރުކާރުގެ ތެރޭގައި ގޯސްކޮށް ކަންތައްތަކެއް ހިނގާކަމަށް އިދިކޮޅު ފަރާތްތަކަށް ޤަބޫލުކުރެއްވޭނަމަ، މަޝްވަރާކޮށްގެން އެކަންކަން ހައްލުކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ވިދާޅުވާ ވާހަކަފުޅު އަނެއްކާވެސް ސަރުކާރުންވަނީ ތަކުރާރުކުރައްވާފައެވެ.

ޕާޓީތަކުގެ މަޝްވަރާތައް ނުބޭއްވި ލަސްވަމުންދަނީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ނުލިބިގެންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށްވެސް މަޝްވަރާތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވިފައިނުވަނީ ޝަރުޢީ ގޮތުން ޙުކުމްތަކެއް ތަންފީޒުކުރަމުންދާ ބަޔަކު މިނިވަން ކުރުމާއި، އެނޫންވެސް ޒާތީ މަސްލަހަތު ހިމެނޭ، ޤާނޫނީ އިމުގެތެރެއިން ސަރުކާރަށް ކުރެވެން ނެތް ކަންކަމުގެ ޝަރުތުތަކެއް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރިމަތިކުރުވުމުގެ ސަބަބުންކަމަށްވެސް ސަރުކާރުން ވިދާޅުވޭ.