ޚަބަރު

"މުންނާރު" ތަރައްޤީކުރަން އަރަބި އިސްލާމީ ޤައުމުތަކުގެ އެހީ!


ޢަރަބި އިސްލާމީ ޤައުމުތަކުގެ ޓީވީ ޗެނަލްތަކުގެ ދީނީ ޕްރޮގްރާމްތައް ޕީއެސްއެމްގެ ދީނީ ޗެނަލް މުންނާރަށް ހޯއްދަވައިދެއްވުމަށާއި މި ޗެނަލް ތަރައްޤީކުރެއްވުމަށް އެހީވެދެއްވާނެކަމުގެ ޔަޤީންކަން ސޫދާންގެ ޢާއްމު ފަތުވާދޭ މަޖިލީހުން ދެއްވައިފިއެވެ. މި ކަން ޔަޤީންކޮށްދެއްވީ، ރާއްޖެ ވަޑައިގެން އުޅުއްވާ ސޫދާންގެ އާއްމޫ ފަތުވާދޭ މަޖިލީހުގެ ބައެއް މެމްބަރުން ރޭ ޕަބްލިކްސަ ސަރވިސް މީޑިޔާއަށް ޒިޔާރަތްކުރައްވައި ޕީއެސްއެމްގެ އިސް މެނޭޖްމަންޓާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދީނީ ހެލުންތެރިކަން އިތުރުކުރުމަށް، މިނިސްޓްރޯ އޮފް އިސްލާމިކް އެފެއަރޒާ ގުޅިގެން ޕީއެސްއެމުން އަންނަނީ މަސައްކަތްކުރަމުންނެވެ. ފަހުގެ ތާރީޚަށް ބަލާއިރު މިކަމަށް އެޅިފައިވާ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ޕީއެސްއެމްގެ ދީނީ ރޭޑިއޯ ޗެނަލް ދީނުގެ އަޑު އުފައްދައި ޚިދުމަތްދެމުން ގެންދިއުމާއި ދީނީ ޓީވީ ޗެނަލް މުންނާރުގެ ޚިދުމަތް ފަށްޓަވައި ހިންގަމުން ގެންދިއުން ހިމެނެއެވެ. މި ޗެނަލްތަކުގެ ޕްރޮގްރާމްތައް މުއްސަނދިކޮށް ފެންވަރު މަތިކުރުމަށާއި ޗެނަލްގެ ޚިދުމަތް ރަނގަޅުކުރުމަށްވެސް ޕީއެސްއެމުން، އިސްލާމިކް މިނިސްޓްރީން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖެ ވަޑައިގެން އުޅުއްވާ ސޫދާންގެ ފިޤްހް ކައުސިލްގެ ޗެއަރމަން ޑރ. އެސަމް އަޙްމަދު އަލް ބާޞިރްގެ އަރިހުގައި ވަޑައިގެން އުޅުއްވާ އިސް އޮފިޝަލުންނާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދާއި ޕީއެސްއެމްގެ ވެރިން ވަނީ މަޝްވަރާކުރައްވައި މުހިންމު ކަންތައްތަކަށް އެއްބަސްވެވަޑައިގެންފައެވެ. ޕީއެސްއެމްއަށް ޒިޔާރަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ސޫދާނުގެ ފަތުވާ ކައުންސިލްގެ ރައީސް އަދި އެޤައުމުގެ ޠައިބާ ޓީވީ ޗެނަލްގެ ވެރިޔާ ޑރ. ޢަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަޙީމާއި އެޤައުމުގެ އިސްލާމިކް މީޑިއާ ނެޓްވާރކްގެ ފައުންޑަރ އަލް މުޙަމަދިސް މާހިރު ސާލިމް ހިމެނެއެވެ. ސޫދާނުގެ ޠައިބާ ޓީވީއަކީ އެފްރިކާގައި 9 ބަހުރުވައަކުން ޓީވީ ޗެނަލް ހިންގާ އިސްލާމިކް ޓީވީ އޮގަނައިޒޭޝަނެކެވެ. އެ ޤައުމުގެ އިސްލާމިކް މީޑިއާ ނެޓްވާރކަކީ، އިސްލާމިކް 150 ރޭޑިއޯއާއި ޓީވީ އަދި އިންޓަރޗެނަލް ބައިވެރިވާ ނެޓްވާރކެކެވެ.

މި ދެ މުއައްސަސާގެ ވެރިންނާއެކު ކުރެވުނު މަޝްވަރާތަކުގައި ވަނީ ސުދާނުގެ މީޑިއާއިން ތައްޔާރުކުރާ ދީނީ ޕްރޮގްރާމްތައް ރާއްޖެއަށް ލިބޭނެ ފަސޭހަ އަދި އަގުހެޔޮ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި މިކަމާބެހޭ އެއްބަސްވުމެއްގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕީއެސްއެމްއާއެކު ސޮއިކުރެއްވުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ. އަދި ޕީއެސްއެމްގެ ވަފުދެއް ސޫދާނަށް ގޮސް، ސޫދާނުގެ ކަމާބެހޭ އޮފިޝަލުންނާއި ބައްދަލުކޮށް ކަމާބެހޭ މަސައްކަތްތައް ކުރުމަށް ސޫދާނުގެ ޠައިބާ ޓީވީ ޗެނަލާއި އެޤައުމުގެ އިސްލާމިކް މީޑިއާ ނެޓްވާރކްގެ ވެރިން ވަނީ ދަޢުވަތު ދެއްވާފައެވެ.

މި މަޝްވަރާ ބައްދަލުވުމަށްފަހު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، އެފްރިކާގެ 10 ޗެނަލް ހިމެނޭ އިންޓަރެނޭޝަނަލް އިސްލާމިކް މީޑިޔާ ގުރޫޕުގެ ފަންނީ އެހީތެރިކަން މުންނާރު ޗެނަލް ފުޅާކޮށް ތަރައްޤީކުރުމަށް ލިބޭނެކަމުގެ ޔަގީންކަން ސޫދާންގެ ވަފުދުގެ ބޭފުޅުން ދެއްވާފައިވާކަމަށެވެ. އަދި އެކަމާގުޅޭ އެމްއޯޔޫގައި ދެ ފަރާތުން ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށްވެސް މިނިސްޓަރ ޒިޔާދު ފާހަގަކުރެއްވިއެވެ.

"މިފަދަ އެތައް ޗެނަލްތަކާ ޕީއެސްއެމްގެ މުންނާރު ޓީވީއާ ގުޅުން ބަދަހިވެގެންދާނެ، މިސަރައްހައްދުގައި އޮތް ހަމަ ފަވާލެވޭ ދީނީ ޗެނަލްއަކަށް މުންނާނު ޗެނަލް ވެގެންދިއުން މިމަސައްކަތް މިކުރަނީ ފުޅާކޮށް ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމަށްފަހު ޕަބްލިކް ސަރވިސް މީޑިޔާގެ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަޠީފް ވިދާޅުވީ، އިންޓަރެނޭޝަނަލް އިސްލާމިކް މީޑިޔާ ގުރޫޕާއެކު އެކުލަވާލާ އެއްބަސްވުމުގެ ދަށުން އެތަނުގެ ދަށުގައިވާ ސެންޓަރުތަކަށް ޕީއެސްއެމްގެ މުވައްޒަފުން ތަމްރީނަށް ފޮނުވުމާއި، ސޫދާނުގައި އުފައްދާ އިސްލާމީ ޕްރޮގްރާމްތައް ޕީއެސްއެމަށް ހެޔޮއަގެއްގައި ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ވަފުދުގެ ބޭފުޅުން ދެއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމަށްފަހު ސޫދާނުގެ ޢާއްމު ފަތުވާ މަޖިލީހުގެ ރައީސް ޑރ.ޢަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަހީމް ވިދާޅުވީ، ޕީއެސްއެމްއާއި މި ކުންފުނީގެ ދަށުން ހިނގަމުންދާ ޗެނަލްތަކުގެ މަސައްކަތް ބައްލަވާލައްވަން ލިބިވަޑައިގަތް ފުރުޞަތަކީ އަގުހުރި ފުރުޞަތެއްކަމަށް އަދި ޕީއެސްއެމްގެ ދީނީޗެނަލް މުއްނާރުގެ މަސައްކަތުގެ ސަބުން، ދިވެހިރައްޔިތުންނަށް ގިނަގުނަ މަންފާތަކެއް ކުރާނެކަމަށެވެ. އެގޮތުން މިއީ ހިދާޔަތުގެ ނޫރު ފެތުރުމަށް ހުޅުވިފައިވާ ތަނަވަސް ދޮރެއްގެގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ސޫދާންގެ ވަފްދުގެ ބޭފުޅުން ޕީއެސްއެމަށް ކުރެއްވި ޒިޔާރަތުގައި ޓީވީއެމްގެ ސްޓޫޑިއޯތައް ބައްލަވާލެއްވިއެވެ. އިސްލާމީ ބޮޑެތި ފްރެންޗައިޒް ޝޯވ ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަންވެސް ވަފުދުގެ ބޭފުޅުން ވަނީ ދެއްވާފައެވެ.