ވިޔަފާރި

މީހުން ދިރިއުޅޭ ރަށްރަށަށް ސީޕްލޭން ދަތުރުތައް ފަށަނީ


ކުރިއަށް އޮތް 4 މަސްދުވަހުގެރޭ މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް މީހުން ދިރިއުޅޭ ރަށްރަށަށް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތް ވަކި ތާވަލެއްގެ ދަށުން ޢާއްމު ރައްޔިތުންނަށް ދޭން ފެށުމަށްޓަކައި އެކުންފުނިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހެޔޮ އަގެއްގައި ސީ ޕްލޭންގެ ދަތުރުތައް އާއްމު ރައްޔިތުންނަށް ދިނުމަށްޓަކައި އެކަމާގުޅޭ ދިރާސާ ކުރަމުން އަންނަކަމަށް އައިލެންޑް އޭވިއޭވިއޭޝަނުން ހާމަކުރެއެވެ.

އައިލެންޑު އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ވިދާޅުވީ ސީ ޕްލޭންގެ ދަތުރުތައް ފެށިދާނެ ރަށްތައް މިހާރު ބަލަމުންދާ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް 4 މަސްދުވަހުގެތެރޭ ދަތުރުތައް ކޮންމެވެސް އެއް ރަށަކަށް ފެށުންކަމަށެވެ.

" އަޅުގަނޑުމެން މި ބަލަނީ މާލެ އާއި ކައިރި ހިސާބުތަކުން، ފަސޭހައިން ކުޑަ އަގެއްގައި މާލެއަށް އާދެވާނެ މަގު ފަހި ކޮށްދިނުމަށް، އަމާޒަކީ ކުރިއަށް އަށް އޮތް ދެތިން މަސް ދުވަސްތެރޭ ކޮންމެ ވެސް އެއް ރަށަކަށް ދަތުރުފެށުން، ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އެހެން ރަށްރަށަށްވެސް އެ ޚިދުމަތް ދޭން ފެށުމަށް ވިސްނާފައިވަނީ" ނަޝާތު ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަނުން 2014 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ކުޑަގޮތަކަށް ފެށި ސީ ޕްލޭންގެ ޚިދުމަތް އަންނަނީ ކާމިޔާބުކަމާއެކު ކުރިއަރަމުންނެވެ. އެގޮތުން މިހާރު އެކުންފުނީގެ ސީ ޕްލޭން ފްލީޓުގެ ޢަދަދު ވަނީ 9 އަކަށް އަރާފައެވެ. މިމަހުގެތެރޭ ސީ ޕްލޭން ފްލީޓަށް އިތުރު ބޯޓެއް ގެންނާނެކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

މޯލްޑިވިއަނުން ވަނީ ސީ ޕްލޭންގައި ސްޓްރެޗަރގައި ބަލި މީހުން އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. މިއާއެކުވެސް އާއްމު ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ދެކެއެވެ.