ޚަބަރު

ރައީސްގެ އަނބިކަނބަލުން، ކާށިދުއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާޠިމަތު އިބްރާހީމް، މާލެއަތޮޅު ކާށިދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު އެކަމަނާ ކާށިދުއަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުން ވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މާލެއަތޮޅު ކާށިދުއަށް ވަޑައިގަތީ، "އެންމެ ގާތުން" މި ނަމުގައި އެކަމަނާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ޚާއްޞަ ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

މިދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުޢިއްޒާއި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ، ޠާރިގް އިބްރާހިމާއި މިނިސްޓަރ އޮފް ހޯމް އެފެއާރޒް، އަޒްލީން އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.. މީގެއިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، ސަރުކާރު ހިންގާ ޕާޓީ، ޕީ.ޕީ.އެމްގެ އިސް ބައެއް ބޭފުޅުންވެސް މިދަތުރުފުޅުގައި ކާށިދުށް ވަޑައިގެންނެވިއެވެ.

"އެންމެ ގާތުން" ކެމްޕެއިންގެ އެހެން ދަތުރުފުޅުތަކެކޭ އެއްގޮތަށް މިދަތުރުފުޅުގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެންމެ އިސްކަން ދެއްވާފައިވަނީ، މުޖުތަމަޢުގައި އަޅާލުން ބޭނުންވެފައިވާ އާންމު ފަރާތްތަކާ ބައްދަލުކުރެއްވުމަށެވެ. ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބައްދަލުކުރައްވައި، އެމީހުންނަށް ދިމާވާ ދަތިތަށް ދެނެގަނެ، އެހީތެރިކަން ދެއްވުމަށް އެކަމަނާ އިސްކަންދެއްވިއެވެ. އެގޮތުން ކާށިދޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބައްދަލުކުރައްވައި އެމިހުންގެ ޙާލު އޮޅުން ފިލުއްވާފައިވެއެވެ. މިބައްދަލުކުރެއްވުން އޮތީ ކާށިދޫ ސްކޫލްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަށްޓަވާފައިވާ "އެންމެ ގާތުން" ކެމްޕެއިނަކީ، އަތޮޅުތަކުގައި ތިބި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ކަންކަން ވީހާވެސް ގާތުން ކޮށްދެއްވުމުގެ މަޤްޞަދުގައި އެކަމަނާ އިސްނަންގަވައިގެން ކުރައްވާ ދަތުރުފުޅުތަކެކެވެ.

"އެންމެ ގާތުން" ކެމްޕޭންގެ ދަށުން އެކަމަނާ އިއްޔެ ވަނީ، މާލެއަތޮޅު ގާފަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ. މި ކެމްޕޭންގައި މިހާތަނަށް ގިނަ ރަށްރަށަށް އެކަމަނާ ދަތުރުފުޅު ކުރައްވާފައިވެއެވެ. އެގޮތުން ހއ، ނ، ގއ،ގެ ރަށްތަކަށް ވަޑައިގެންފައިވެއެވެ.