ކުޅިވަރު

ޖޫން 6ވަނަ ދުވަހު ރާއްޖެއާއި އަފްޤާނިސްތާން ދުބާއީގައި ވާދަކުރަނީ


އަފްޤާނިސްތާނާއެކު ރާއްޖެއިން އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ޖޫން މަހު ބޫޓާނާ ވާދަކުރާ މެޗްގެ ކުރިން ރާއްޖެއާ އަފްޤާނިސްތާން ވާދަކުރާނެ ކަމަށާއި މިމެޗް ކުޅޭނީ ޖޫން 6 ވަނަ ދުވަހު ދުބާއީގައި ކަމަށް އެފްއޭއެފްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. ޖޫން 13ވަނަ ދުވަހު ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ވާދަކުރާނީ އެޤައުމުގައެވެ. އެހެންކަމުން އަފްޤާނިސްތާނާ އެކީގައި ކުޅޭ އެކުވެރިކަމުގެ މެޗް ނިންމާލުމަށްފަހު ބޫޓާން މެޗްގެ ކުރިން ޤައުމީ ޓީމް ތައިލެންޑްގައި ކޭމްޕް ކުރާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. 

ތައިލެންޑްގައި ޓީމް ފަރިތަކުރާ މުއްދަތުގައިވެސް އިތުރު މެޗެއް ކުޅެން ވާހަކަ ދެކެވެމުން އަންނަ ކަމަށާއި އުއްމީދު ކުރަނީ ތައިލެންޑްގައިވެސް އެކުވެރިކަމުގެ އިތުރު މެޗެއް ކުޅެން ކަމަށް ބައްސާމް ވިދާޅުވިއެވެ.

" އަފްޤާނިސްތާނާއެކު ރަނގަޅު މެޗެއް ކުޅުމަށްފަހު ޓީމު ތައިލެންޑަށް ފުރާނީ. ބޭނުންވަނީ މެޗު ކުޅުމުގެ 24 ގަޑިއިރު ކުރިން ބޫޓާނަށް ދާން. މިއީ މިމެޗަށް ތައްޔާރުވުމަށް ޓީމަށް ލިބުނު ރަނގަޅު ފުރުސަތެއް" ބައްސާމް ވިދާޅުވިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފަލަސްތީނާ ވާދަކޮށް ބަލިވީ ތިންލަނޑު ސުންލަނޑުންނެވެ. ބޫޓާނާ އޮމާން ވާދަކުރިމެޗުން ބޫޓާން ބަލިވީ 14 ލަނޑު ސުންލަނޑުންނެވެ. ފަލަސްތީނާ ރާއްޖެއާ ވާދަކުރި މެޗުގެ ކުރިން މާލޭގައި ރަހްމަތްތެރިކަމުގެ މެޗެއް ކުޅުމަށް އެފްއޭއެމްއިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް މާލޭގައި ފެތުރެމުންދިޔަ ހުމުގެ ރޯގާގެ ސަބަބުން އެމެޗް ކުޅެން ފުރުސަތު ނުލިބުނު ކަމަށް އެފްއޭއެމްއިން ވަނީ ހާމަކޮށްފައެވެ.