ޚަބަރު

ރައީސްގެ އަނބިކަނބަލުން ގާފަރަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާޠިމަތު އިބްރާހީމް، މާލެ އަތޮޅު ގާފަރަށް ވަޑައިގެންފިއެވެ.

އެކަމަނާ ގާފަރަށް ވަޑައިގަތީ "އެންމެ ގާތުން" މި ނަމުގައި ސިލްސިލާގޮތެއްގައި އެކމަނާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ޚާއްސަ ދަތުރުފުޅުތަކުގެ ތެރެއިންނެވެ. މިފަހަރުގެ ދަތުރުފުޅަކީ މާލެއަތޮޅު ގާފަރާއި، ކާށިދޫއަށް އެކަމަނާ ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ. އެކަމަނާ ގާފަރަށް ވަޑައިގަތީ މިއަދު ހަވީރު ހަތަރެއް ޖަހާ އެހައިކަންހާއިރުއެވެ. ގާފަރުން ވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއެކު، ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، ޕީ.ޕީ.އެމްގެ އިސް ބައެއްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

img:http://s1.psmnews.mv/images/660x400/14915658793187.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގާފަރަށް ވަޑައިގަތުމުން އެކަމަނާއަށް ރައްޔިތުންގެ މަރުޚަބާ ދަންނަވަނީ / ފޮޓޯ: ޕީއެސްއެމް

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެންމެ އިސްކަން ދެއްވާފައިވަނީ މުޖުތަމަޢުގައި އަޅާލުން ބޭނުންވެފައިވާ އާންމުންނާ ބައްދަލްކުރެއްވުމެވެ. ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބައްދަލުކުރައްވައި އެމީހުންނަށް ދިމާވާ ދަތިތަކާއި އުނދަގޫތައް އޮޅުންފިލުއްވައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފަށްޓަވާފައިވާ "އެންމެ ގާތުން" ކެމްޕެއިންއަކީ، އަތޮޅުތަކުގައި ތިބި އެހެންމީހުންގެއަޅާލުމާއި އެހީތެރިކަމަށް ބޭނުންވާ މީހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ކަންކަން ވީހާވެސް ކައިރިން ކޮށްދެއްވުމުގެ މަޤްސަދުގައި އެކަމަނާ އިސްނަންގަވައިގެން ކުރައްވާ ދަތުރުފުޅުތަކެކެވެ.

"އެންމެ ގާތުން" މި ކެމްޕޭނުގެދަށުން ރައީސްގެ އަނބިކަނބަލުން މާދަމާ މާލެއަތޮޅު ކާށިދުއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މި ކެމްޕޭނުގެ ދަށުން އެކަމަނާވަނީ، ހއ، ނ، ގއ, މިއަތޮޅުތަކުގެ ބައެއް ރަށްރަށަށް މީގެކުރިން ދަތުރުކުރައްވާފައެވެ.