ތަޢުލީމު

ޢަރަބިކް ޑިބޭޓް ޗެމްޕިއަންޝިޕަށް ދިވެހި ޓީމެއް ދޯހާއަށް ފުރައިފި


ޤަތަރުގެ ދޯހާގައި ބާއްވާ އިންޓަރނޭޝަނަލް ޔުނިވަރސިޓީސް ޢަރަބިކް ޑިބޭޓް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް، އިސްލާމީ ޔުނިވަރސިޓީއާއި ދިވެހި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންތަކެއް ފުރައިފިއެވެ.

ޢަރަބި ބަހުން ކުރިއަށްގެންދާ މި މުބާރާތުގައި ނުވަދިހަ އަށްވުރެ ގިނަ ޔުނިވަރސިޓީން ބައިވެރިވެއެވެ. މި މުބާރާތުގައި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހަތަރު ދަރިވަރަކާއި ދިވެހި ޤައުމީ ޔުނިވަރސިޓީގެ ހަތަރު ދަރިވަރަކު ބައިވެރިވެއެވެ.

މިއީ، މި މުބާރާތުގައި ދިވެހި ޤައުމީ ޔުނިވަރސިޓީން ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި، ޤައުމީ ޔުނިވަރސިޓީ ތަމްސީލްކުރާ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ވަޑައިގަންނަވާ އަލްއުސްތާޛު ފައްޔާޒް ޢަލި މަނިކް ވިދާޅުވީ، ޢަރަބި ބަހުން ކުރިއަށްގެންދާ މި މުބާރާތުގެ ސަބަބުން ދަރިވަރުންގެ ޢަރަބިބަހުގެ ފެންވަރު މަތިވެ، ޢަރަބި ބަހަށް ދޭ ޝައުޤުވެރިކަން އިތުރުވެގެންދާނެކަމަށެވެ. އަދި ގިނަ ޢަދަދެއްގެ ޤައުމުތަކަކުން ބައިވެރިވާ މުބާރާތެއްގައި ރާއްޖޭގެ ޔުނިވަރސިޓީ ތަމްސީލް ކުރުމުގެ ފުރުޞަތު ލިބުނީތީ އުފާކުރައްވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މި މުބާރާތުގައި އިސްލާމީ ޔުނިވަރސިޓީ ތަމްސީލްކުރާ ޓީމުންވެސް ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވެފައިވަނީ، ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށާ، އުންމީދަކީ ރަނގަޅު ބަހުސެއްކޮށް މޮޅުވުންކަމަށެވެ. އަދި މި މުބާރާތަކީ ދަރިވަރުންގެ ޢަރަބިބަހުގެ ފެންވަރު މަތިކުރުމަށް ލިބުނު އިތުރު ކުރިއެރުމެއްކަންވެސް އެޓީމުން ފާހަގަކޮށްފައިވެއެވެ. މި މުބާރާތުގައި ބައިވެރިވާ ދިވެހި ދަރިވަރުން ބުނީ، މިއީ އެ ދަރިވަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ތަޖުރިބާއެއްކަމަށެވެ. އަދި ޢަރަބި ބަހުގެ ފެންވަރު މަތިކުރުމަށް ލިބިގެންދާ އިތުރު ފުރުޞަތެއްކަންވެސް ދަރިވަރުން ފާހަގަކުރިއެވެ.

މިއީ ޢަރަބި ބަސް ކުރިއެރުވުމަށާއި، ވާދަވެރި މާޙައުލެއްގައި ބަހުސްކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މުބާރާތް ބާވާ ހަތަރުވަނަ ފަހަރެވެ.